ޚަބަރު

ނޯތު ހާބަރަށް ބަދަލުތައް ގެންނާނީ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކު: އެމްޕީއެލް


  • މަސްވެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި

  • މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއި ގުޅިގެން މަސައްކަތް ކުރާނެ

މާލެ ނޯތު ހާބަރަށް ގެންނަ ކޮންމެ ބަދަލެއް ގެންނާނީ އެތަން ބޭނުންކުރާ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކުކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ. މި ސަރަހައްދު އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

އެ ސަރަހައްދު އެމްޕީއެލްއާ ހަވާލުކުރުމާއެކު އެކުންފުނިން ދަނީ މާލެ ނޯތު ހާބަރުގައި މަސްވެރިން ބޭނުންކުރާ ސަރަހައްދަށް ބަދަލުތައް ގެނެސް، މަސްވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވަމުންނެވެ. އަދި އެ ސަރަހައްދަށް ގެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އެމްޕީއެލްއިން ދަނީ މަސްވެރިންނާވެސް ބައްދަލުކުރައްވަމުންނެވެ.

މަސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއި ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ. އަދި މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން ވިދާޅުވީ ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވާނީ 2027 ވަނަ އަހަރުގެ ނިިޔަލަށް ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ޙިދުމަތްތައް ޤާއިމްކޮށް ޖާގައިގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރަމުންދާކަަމަށް ރިޝްވާން ވިދާޅުވިއެވެ.

"މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން މަސްވެރިންގެ ގާތައް އަޅުގަނޑުމެންނަށް ގޮސް ހިޔާލު ހޯދާނެ. މަސްވެރިންނާއި ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން" ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނު ވިދާޅުވީ މަސްވެރިންގެ ހިޔާލާއެކު އެ ސަރަހައްދަށް ގެންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަޔަކީ މަސްވެރިންނަށް ހާއްސަ ސަރަހައްދުކަމަށް މުއީން ވިދާޅުވިއެވެ.

" މަސްވެރިންނަށް ހާއްސަކޮށްގެން އަތުރާލާ ޕްލޭންގައި މިހުރި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނީ އެބޭފުޅުންނާއި މަޝްވަރާކޮށް ކިހިނެތްތޯ އެ ބޭފުޅުން ބޭނުންވަނީ" މުއީން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ނޯތު ހާބަރ ޒޯން އެޗްގައި ރަށްރަށުން އަންނަ މަސް އުޅަނދުފަހަރަށް ހާއްސަ 2 ޖާގައެއް ބާއްވާނެކަމަށެވެ. އަދި ނޯތު ހާބަރު ތެރޭގައި ބިދޭސީންނަށް ވިޔަފާރިކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. މީގެ އިތުރުން މި ޒޯންތަކަށް މުދާ ވައްދާނަމަ ފިޔަވަޅު އެޅޭނެކަން އެެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ

މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދުފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ބަނދަރެވެ. އެމްޕީއެލުން މަސައްކަތް ކުރަމުން ދަނީ ނޯތު ހާބަރުން ފަަސޭހަކަމާއެކު އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށެވެ. އެގޮތުން އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެމެރާ ހަރުކޮށް ޗެކްޕޯސްޓުތައް ބަހައްޓާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.