ޚަބަރު

ނިމުނު ހަފްތާ: ތަރައްޤީގެ މަޝްރޫޢުތަކާއެކު، ސިއްޙީ ކަންކަމަށް ލުއިތަކެއް


  • އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ވަނީ އައްޔަންކުރައްވާފައި

  • ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ޖަމީލު މޫސާ ވަނީ އައްޔަންކުރައްވާފައި

  • އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންނަށް 2000 ޑޮލަރު ދޫކުރަން ފެށި

  • ޙާފިޒުންނަށް ސަރުކާރުން ދެއްވާ އިނާޔަތް 4،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ޚަބަރަކީ އއ. ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންގެ ޑޮލަރު ލިމިޓު 2000 ޑޮލަރަށް ބޮޑުކޮށް، އެކަން ތަންފީޒުކުރަން ފެށްޓެވީވެސް ނިމުނު ހަފުތާގައެވެ. އަދި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމިއްލަ ޚަރަދުގައި ބޭސް ފަރުވާއަށްދާ މީހުންގެ ޑޮލަރު ލިމިޓުވެސް 1000 ޑޮލަރާ ހަމައަށް ވަނީ ބޮޑުކޮށްދެއްވާފައެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވީ ނިމުނު ބުދަ ދުވަހުއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ޖަމީލު މޫސާވެސް އައްޔަންކުރެއްވީ ނިމުނު ހަފުތާގައެވެ. އެ މަޤާމަށް ޢަބްދުﷲ ޖަމީލު މޫސާ އައްޔަންކުރެއްވީ އާދިއްތަ ދުވަހުއެވެ. ޢަބްދުﷲ ޖަމީލު ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ.

މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިސްމާޢިލް ސާޖިދު އައްޔަންކުރީ ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ.

އިނާޔަތްތައް ބޮޑުކުރުން:

ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ބައެއް އިނާޔަތްތައް ބޮޑުކުރި ހަފުތާއެއްގެ ގޮތުގައެވެ. އެ ގޮތުން ރައީސުލްޖުމްހުރިއްޔާގެ ވަޢުދާ އެއްގޮތަށް ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުންނަށް ސަރުކާރުން ދެއްވާ އިނާޔަތް 4،000 ރުފިޔާއަށް ބޮޑުކޮށް ޖަމާކުރަން ފެށީ އާދިއްތަ ދުވަހުއެވެ. މީގެ ކުރިން ހާފިޒުންނަށް ދެމުންދިޔައީ 2،000 ރުފިޔާގެ އިނާޔަތެކެވެ.

މީގެ އިތުރުން ޤައިދީން މަސައްކަތްކުރުމުންދޭ އިނާޔަތް 20 އަހަރު ފަހުން ބޮޑުކޮށްފައިވަނީ ނިމުނު ހަފުތާގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އެ ގޮތުން ޤައިދީންކުރާ މަސައްކަތަށް އެންމެ ދަށް މިންވަރެއްގެ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް ކަނޑައަޅާފައިވަނީ 50 ރުފިޔާއެވެ. އަދި އެންމެ މަތީ އަގަކަށް ކަނޑައަޅާފައިވަނީ ދުވާލަކަށް 150 ރުފިޔާއެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އާރުޓީއެލް ފެރީ ބަނުމަށް އިންޑިޔާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ރާއްޖެއަށް ދިން ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ފުރަތަމަ ފަހަރަށް ރިސޯޓެއްގައި އުރީދޫން ސަބްމެރިން ކޭބަލް އެޅީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. ސަބްމެރިން ކޭބަލް އަޅާފައިވަނީ މާލެ އަތޮޅު ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިގައެވެ.

ހަމައެއާއެކު ޞިއްޙީ ޚިދުމަތް ހޯދަން ޢާންމުކޮށް އާރުޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވީ ނިމުނު އާދިއްތަ ދުވަހުއެވެ. އަދި ފިޔާގެ ތާށިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ފިޔާ ގެނެސް، ކިލޯއެއް 15 ރުފިޔާއަށް ވިއްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ޤައުމީ ނިއުސް އެޖެންސީ އިފްތިތާޙުކުރީ ބުރާސްފަތި ދުވަހުއެވެ. ޤައުމީ ނިއުސް އެޖެންސީ މެދުވެރިކޮށް، ޚަބަރާއި މަޢުލޫމާތު އެއް ތަނަކުން ލިބޭނެ ދައުލަތުގެ ޕްލެޓްފޯމެއް ޤާއިމުކުރެވޭނެކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ. އަދި 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކުރީވެސް ބުރާސްފަތި ދުވަހުއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ، އިޤުތިޞާދީ ދާއިރާއިން ގިނަ ކަންތައްތަކެއް ހިނގައިދިޔަ ހަފުތާއެއްގެ ގޮތުގައެވެ.