ޚަބަރު

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގައި 5 މެގަވޮޓް ސޯލާ ޖެހުމުގެ މަސައްކަތް ފަށައިފި


އެސްޕަޔަރ މަޝްރޫޢުގެ ދަށުން ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގައި ޤާއިމުކުރާ 5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ތައިލޭންޑްގެ އެންސިސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.

މިއީ ވޯރލް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމެކެވެ.

5 މެގަވޮޑްގެ މި މަޝްރޫއެގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ތައިލޭންޑްގެ އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެސްޕަޔަރ ޕްރޮޖެކްޓްގެ ބޮޑު ބައެއް ޙިއްސާކުރަނީ މި މަޝްރޫޢުއަށެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިހާރު މިވަނީ ލިންކް ރޯޑްގައި ފަށާފައެވެ. ޕްރޮޖެކްޓްގައި ސޯލާ ޖަހަނީ، ލިންކް ރޯޑްގެ މެދުން އޮންނަ ހުސް ޖާގައާއި، ގޮނޑުދޮށާވީ ފަޅިން އޮންނަ ހިސާބުގައެވެ. މިގެތެރެއިން މަގުގެ މެދުން އޮންނަ ހުސް ޖާގައި ސޯލާ ޖެހުމަށް ބޭނުންވާ، ސްޓީލް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ސޯލާ ޖަހާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ.

މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުން ލަސްވީ، ކޯވިޑްގެ ހާލަތާ ގުޅިގެން ކޮންޓްރެކްޓަރަށް ތަކެތި ގެނައުމުގައި ދިމާވި ދަތިތަކާއި، އަދި ހައިވޭ ހިމެނޭހެން ބައެއް އެހެން މަސައްކަތްތައްވެސް ކުރިއަށް ދިއުމާ ގުޅިގެންކަމަށް އެންވަޔަރމަންޓް މިނިސްޓްރީއިން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގައި އުފައްދާ ހަކަތަ، ގުޅާލާނީ ސްޓެލްކޯގެ ކަރަންޓު ގްރިޑާއެވެ. މިިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑްގައި ކުރާ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައިކަމަށެވެ.

މި މަޝްރޫޢަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތަށް ފައިނޭސް ކުރާނީ މި މަޝްރޫޢުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިންނެވެ. އަދި ކޮންޓެރެކްޓްގެ މުއްދަތުގައި މެއިންޓަނަނސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިންނެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރާ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ.

އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް، 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް އަހަރަކު ސަލާމަތް ކުރެވޭނެކަމަށް އަންދާޒާ ކުރެވެއެވެ.

އެންސިސް ކުންފުންނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެކެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގައި ހިމެނޭ ހުޅުމާލޭ 1000 ޔުނިޓްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރުވަނީ ސޯލަރ ޕެނަލް ހަރުކޮށް ނިމިފައެވެ.

މިހާރު ކުރިއަށްދަނީ ބިލްޑިންގް އެތެރޭގެ އިލެކްޓްރިކަލް މަސައްކަތްތަކެވެ. މި މަޝްރޫޢޫގެ ތެރެއިން ހުޅުމާޅޭ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ހުރި ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު ފަހުކޮޅުއެވެ.