ޚަބަރު

ފަސް ދުވަހަށްފަހު ތައިލެންޑާއި ކެންބޯޑިޔާއިން ޙަމަލާ ބަދަލުކުރުން ހުއްޓައިލަން އެއްްބަސްވެއްޖެ


ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ޖުލައި މަހުގެ 28 ދުވަހުގެ 12 ޖެހުމުން އެއްވެސް ޝަރުތަކާ ނުލައި ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެެދު ޙަމަލާ ބަދަލުކުރަން ފެށީ ޖުލައި މަހުގެ މެދުތެރޭގައި، ސަރަޙައްދީ ރޮނގު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ. ތައިލެންޑުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ކެމްބޮޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކުރަން ފަށާފައެވެ. ދެ ފަރާތުން ވެސް ޙަމަލާ ދިނުމަށް ވަރުގަދަ ހަތިޔާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި ވައިގެ ޙަމަލާތައް ވެސް ދަނީ ދެމުންނެވެ. މިއީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާމެދު އެތައް ޒަމާނެއް ވަންދެން ދެބަސްވަމުންދާ މި ދެ ޤައުމުގެ ދެމެދުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36އަށް އަރައިފައެވެ. އޭގެތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޙަމަލާތައް ބަދަލުކުރާތީ، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 300،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ.

ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދުގައި ޙަމަލާ ބަދަލުކުރަން ފެށުމުން މެލޭޝިިޔާ އިސްވެ، އެމެރިކާއާއި ޗައިނާގެ އެހީތެރިކަމާއެކު ވަނީ ދެ ފަރާތް އެއްގަލަކަށް އެރުވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ބޭއްވި މަޝްވަރާތަކުގައި ތައިލެންޑާއި ކެމްބޯޑިޔާގެ އިސްވެރިން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެ، ދެ ޤައުމުގެ ދެމެދުގައި ސީދާ މުޢާމަލާތްތައް ކުރަން އަލުން ފެށުމަށް އެއްބަސްވެފައެވެ. އަދި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒު ކުރާނެ ގޮތްތަކާ މެދު ވެސް އެއްބަސްވުމަކާ ހަމައަށް އައިސްފައިވެއެވެ.

މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވިދާޅުވީ ތަންފީޒީ މަރުހަލާ ފުރިހަމައަށް ކުރިއަށް ގެންދޭތޯ ބެލުމަށް މެލޭޝިޔާގެ ޚާއްޞަ ޓީމެއް ކަނޑައަޅުއްވާނެ ކަމަށެވެ. އެއީ އަލުން ޞުލްޙައާއި ސަލާމަތް ޤާއިމު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ސުލްޙަ ޤާއިމު ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.