ކުޅިވަރު

އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަނީ


އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު މަގާމާ ހަވާލުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ އެފްއޭއެމުގެ ގަވާއިދުގެ 86 ވަނަ މާއްދާފައި ބަޔާން ކުރާ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ނަމަވެސް މި މުބާރާތް ރާވައި ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާނީ އެފްއޭއެމުގެ ކޮމިޓީތަކަށް މެމްބަރުން ނެގުމަށް ފަހު އެވެ. މި ގޮތުން ކޮމިޓީ ތަކަށް މެމްބަރުން ހޮވުމަށް މިހާރު ވަނީ ކުލަބުތަކަށް ދޫކޮށްލައިފަ އެވެ.

އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށް ދިޔަ މުބާރާތެކެވެ. ނަމަވެސް މި މުބާރާތް މި ފަހުން ނުބާއްވައި ދިޔައީ މާލީ ގިނަ މައްސަލަތަކަކާ ހެދި އެވެ. މި ގޮތުން އެފްއޭއެމުން އަތޮޅު ތެރޭގައި ބޭއްވި މުބާރާތްތަކުގައި ރަށްރަށުގެ ހޮޓާތަކާއި ކެފޭތަކާއި ގެސްޓް ހައުސްތަކަށް ދޭންވާ ފައިސާ ނުދީ ހުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އެފްއޭއެމުގެ އެންމެ ފަހުގެ އިންތިހާބުގެ ކުރިން އެންމެ ބޮޑަށް މައްސަލަ ގޯސްވި އެއް ކަމަކީ ވެސް އަތޮޅު ތެރޭގެ ޓީމުތަކަށް ވޯޓު ލުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް މިކަން މި ފަހަރު މަޑުޖައްސާލަން އެންގީ ރާއްޖެ ވަޑައިގެންނެވި ފީފާގެ އޮފިޝަލުންނެވެ.