ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ. މިމަޝްރޫޢުގެ މަސައްކަތް އަންނަ ޖުލައިމަހުގެ ތެރޭގައި މުޅިން ނިންމާލުމަށް އެމްޓީސީސީންވަނީ ޢަމާޒު ހިފާފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ފަރެސްމާތޮޑާ ފަޅުތެރޭގައި ހިމެނޭ ކުދި ރަށްތަކެއް ހިމެނޭގޮތަށް 19 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.
މިހާތަނަށް އައިއިރު ޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ހުރިހާ މަސައްކަތްތައްހެން ފަށައިގެންދަނީ ކުރަމުންނެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ޙިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ މިހާތަނަށް މުޅި މަޝްރޫޢުގެ %55އަށްވުރެ ގިނަ މަސައްކަތް ނިމިފައިވާކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ފެށި ފަޔަރ ބިލްޑިން އިމާރާތުގެ މަސައްކަތުގެ %87 މިހާރުވަނީ ނިމިފައެވެ. އަދި ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު، މި މަސައްކަތުގެ %70 މިހާރުވަނީ ނިމިފައެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަ ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރުގެ ރަންވޭއެކެވެ.
އަދި އެއަރޕޯޓްގެ ޓަރމިނަލް ސްޓަރކްޗަރގެ ގިނަ މަސައްކަތްތައްވެސް މިހާރުވަނީ ނިމިފައެވެ. މިއީ ޕްރީ ފެބްރިކޭޓެޑް ޓަރމިނަލެކެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ކުރުމާއި، ޓަރމިނަލް ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ.
މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިއްޖެ. އަދި ފަޔަރ ބިލްޑިންގ މަސައްކަތުގެ 87 ޕަސެންޓާއި އަދި ރަންވޭ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/Who8rs4sa8
— MTCC Plc (@MTCCPlc) June 9, 2022
މި މަޝްރޫޢުއާއި ގުޅިގެން ކުރިއަށްގެންދާ، އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލުމަށް ހަދާ ކޯސްވޭގެ މަސައްކަތްވެސް މިހާރު ފަށައިގެން ދަނީ ކުރަމުންނެވެ. ފަރެސްމާތޮޑާއާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800 މީޓަރު ހުރެއެވެ.
ކޯޒްވޭ ހެދުމަށް 19200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކޯޒްވޭ ހަދަނީ އެއަރޕޯޓާއި އަދި ފަރެސްމާތޮޑާގެ މައި މަގުތަކާއި ގުޅިގެންދާ ގޮތަށެވެ. ކޯޒްވޭގައި 4465 އަކަމީޓަރުގެ މަގުގެ ސަރަޙައްދު ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 44.2 މިލިއަން ރުފިޔާއަށެވެ. ކޯޒްވޭގެ މަސައްކަތް ނިމޭނެކަމަށް އެމްޓީސީސީން ލަފާކުރަނީ 7 މަސް ދުވަހުގެ މުއްދަތުންނެވެ.
އެއަރޕޯޓް ތަރައްޤީކުރުމާއި، ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންދަނީ ވަކި ދެ މަޝްރޫޢެއްގެ ގޮތުގައެވެ.