ޚަބަރު

ކޯވިޑް ބަލީގައި މިމަހުގެ 10ވަނަ މަރު!


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިބަލީގައި މިއަދު ނިޔާވީ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ. މި މީހާއަކީ ޏ.އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާ ދެމުން ދިޔަ މީހެކެވެ.

މި މީހާ ނިޔާވީ މިއަދު މެންދުރު ކުރި 11:42 ހާއިރުއެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 287އަށް އަރާފައެވެ.

ރާއްޖޭގައި އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވީ އަންގާރަ ދުވަހުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ، 77 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި ރާއްޖެއިން 23 މީހުން މިވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީ މަހު ނިޔާވި 13 މީހުންނާއި، އަދި މިމަހުގެ މިހާތަނަށް ނިޔާވި 10 މީހުންވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 60 މީހުންނަށް އަންނަނީ ފަރުވާ ދެމުުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 16000އިން މައްޗަށް އަރައެވެ. އަދި މިހާތަނަށް ރާއްޖޭއިން މިބައްޔަށް 154000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.