ޚަބަރު

އިންޓަރކަނެކްޝަން މެދުވެރިކޮށް ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓް ދޭން ފަށައިފި


ސްޓެލްކޯއިން އިންޓަރކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން ވިދާޅުވީ، މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅެލޭގެ ގްރިޑް އިތުރު ކޮށްފައިވާކަމަށެވެ. މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ސްޓެލްކޯއިން ކަރަންޓް ދެމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.

ރާއްޖޭގެ މައި އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން މީގެކުރިން ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އައިސްފައިވަނީ އެރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެ އަކުންނެވެ. ނަމަވެސް ސްޓެލްކޯގެ އިންޓަކަނެކްޝަން ހުޅުލެއާއި ގުޅާލުމުން، ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އަންނާނީ ސްޓެލްކޯއިންނެވެ. އިންޓަރކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެވެސް މީގެކުރިން ވަނީ ގުޅާލާފައެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅާލާފައިވާއިރު، މި 3 ސަރަޙައްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެއެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

3 ސަރަހައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމާއެކު، އެތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދެވޭނެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.

މި މަޝްރޫޢާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަ ވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ޙާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.