ތަރައްްޤީ

މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފި


ށ.މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ނައިބު ރައީސް މަރޮށީ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިލަންދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަރޮށްޓަށް ވަޑައިގެންނެވެ. ނައިބު ރައީސް މަރޮށްޓަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. ބަނދަރު މަރާމާތުކުރާއިރު އެއްގަމު ތޮށި 1300 ފޫޓަށް ބޮޑުކުރުމަށްވަނީ ނިންމަވާފައެވެ. މި މަޝްރޫޢު ހެވީ ފޯސްއާ ޙަވާލުކުރައްވާފައިވަނީ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހެވީ ފޯސްގެ ފަރާތުން ދަނީ މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަޒީޒް އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަރޮށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 600 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެހެންނަމަވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގެ ސަބަބުން މަރޮށީ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބަނދަރުގެ ބޮޑު ބައެއް ހަލާކުވެ ބަނދަރުގެ ރައްކާތެރިކަންވަނީ ކުޑައެވެފައެވެ. އަދި ބަނދަރުގެ ބައެއް ސަރަޙައްދުތައް ބޭނުންކުރަން ދަތިވެ ޖާގައިގެ ދަތިކަންވެސް އޮތީ ކުރިމަތިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ބަނދަރުގެ މަޝްރޫޢާއެކު ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަނދަރުގެ މަޝްރޫޢު ރައްޔިތުން ބޭނުންވާގޮތަށް ވީހާވެސް އަވަހަކަށް ނިމިގެންދިއުމަކީ އުންމީދެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަރޮށީ ބަނދަރު ތަރައްޤީކުރާނީ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. ބަނދަރުގެ ބޭރު ތޮށި ހަދަނީ މެދަށް ވެލިއަޅައި ހިތްހަމަޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މިއީ 490 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓަރއެކެވެ. އަދި އެއްގަމުތޮށިން ބޭރު ތޮއްޓަށް އެރުމަށް ބްރިޖެއްވެސް އަޅާނެއެވެ.

މީގެއިތުރަށް ބާޖާ ކޮޅުވެއްޓިފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕް ހެދުމާއި ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ހެވީ ފޯސްއާ ޙަވާލުކުރައްވާފައިވަނީ 420 ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިއީ ސަރުކާރުގެ ބަޖެޓުން 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.