ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވާ މިހުންނާއި ކޮންޓެކްޓުވާ މީހުންގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް


ކޯވިޑް ބަލި ޖެހޭ މީހުންނާއި، އެމީހުންގެ ކޮންޓެކްޓުން ކަރަންޓީންވާންޖެހޭ މުއްދަތު 10 ދުވަހަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިކަމަށް ޢަމަލުކުރަން ފަށާނީ، އުސޫލުތައް ފައިނަލްވުމުންކަމަށެވެ.

ޢާއްމު އުސޫލުގެދަށުން، ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލިމީހާއާ ދިމާވިމީހުން ނުވަތަ ކޮންޓެކްޓުންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކަރަންޓީނުވުމާ ގުޅޭ އާ އުސޫލު އެކުލަވަލުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތާ ގުޅޭ މަޢުލޫމާތު ދެއްވަމުން ޑރ.ނަޒްލާވަނީ މި ބަދަލުތަކާ ގުޅޭ ބައެއް ތަފްސީލްތައް ހާމަކުރައްވާފައެވެ.

އާ އުސޫލާއެކު، ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނުވާން ޖެހޭނީ ސާމްޕަލް ނަގާ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތައްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވްވެފައިވާ މީހާއާއި ކޮންޓެކްޓް ވެފައިވާ މީހުންވެސް ކަރަންޓީންވުމުގައި ލުއިތަކެއް ދޭން ވަނީ ނިންމާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ އާ އުސޫލްގެ ދަށުން ލުއިތައް ލިބޭނީ، ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށްކަމަށެވެ.

"ކޮންޓެކްޓުންނަށް 2 ގޮތަށް ލުއިދެވޭނެ. އެއީ ޢަލާމާތެއް ނެތްނަމަ 10 ދުވަސްވުމުން ޓެސްޓު ހެދުމާ ނުލައި ދޫކޮށްލުން. ދެވަނަ ގޮތަކީ ކަރަންޓީނުގައި 5 ދުވަސް ފުރިހަމަވުމުން، ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވެއްޖެނަމަ ކަރަންޓީނު ނިމުމަކަށް އައުން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ކޯވިޑްގެ ޢަލާމަތްތައް ހުންނަނަމަ، ކޮންމެ މީހަކުވެސް ޓެސްޓު ހަދަން ޖެހޭނެއެވެ. ކުރިއެކޭވެސް އެއްގޮތަށް، ބައްޔަށް ޕޮޒިޓިވް މީހަކާއެކު ކަރަންޓީންގައި ހުރިނަމަ އެފަދަ ގްރޫޕެއްގެ އެންމެން ބަލިން ރަނގަޅުވަންދެން ކަރަންޓީންގައި މަޑުކުރަން ޖެހޭނެއެވެ.