ޚަބަރު

ކޯވިޑްގެ އާ ސަރޖެއް! އަތޮޅުތަކަށް އޮތް ބިރު ބޮޑު


ކޯވިޑްގެ ކޭސްތައް މިވަގުތު އިތުރުވާ މިންވަރަށް ބަލާއިރު މިމަހުގެ ފަހުކޮޅަށް ދާއިރު ބަލީގެ ސަރޖެއް ކުރިމަތިވުމުގެ ބިރު އޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ރާއްޖޭގެ ކޯވިޑް ޙާލަތާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ނިމުނު 3 ހަފްތާގައިވެސް، އެވްރެޖުކޮށް ހަފްތާއަކު ފެނުނު ކޭސްތަކުގެ ޢަދަދު ހުރީ 1000އިން މަތީގައިކަމަށެވެ. އަދި މިވަގުތު ކޮންމެ 2-3 ދުވަހުން ކޭސްތައް ރިޕޯޓްކުރާ މިންވަރު ދެގުނަ ވަމުންދާކަމަށެވެ.

ކޯވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންއާއެކު ބަލިފެތުރޭ މިންވަރު ބޮޑުތަނުން ހަލުވި ވެދާނެކަމުގެ ބިރު އޮތްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެކުރިން ފެނުނު ކޯވިޑްގެ ޑެލްޓަރ ވޭރިއަންޓް ބޮޑަށް ފެތުރުނީ މާލޭ ސަރަޙައްދުގައެވެ. ނަމަވެސް މިހާރު އޮމިކްރޯންއާއި ޑެލްޓާ ވޭރިއަންޓް އަތޮޅުތަކުންވެސް ފެނިފައިވާތީ، މިފަހަރުގެ ސަރޖްގައި އަތޮޅުތަކުގެ ޙާލަތު ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އޮމިކްރޯން ވަރަށް ހަލުވިކަމާއެކު ފެތުރޭ. ޕްރޮޖެކްޝަންއަކީ ޑެލްޓަރއަށްވުރެ އޮމިކްރޯން އިތުރުވެގެން ހިނގައިދާނެކަމަށް. ފެބްރުއަރީ ކުރީކޮޅު ނޫނީ ޖެނުއަރީ ފަހުކޮޅު ޕީކަކަށް ދާނެކަމަށް ލަފާކުރެވޭ. މާލެ އެކަންޏެއް ނޫން. މިފަހަރު އަތޮޅުތަކަށްވެސް ބިރު ބޮޑު." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް ހިސާބުން ފެށިގެން، އަހަރުގެ ޑިސެމްބަރާ ހަމައަށްވެސް ކޯވިޑް ކޭސްތައް ރާއްޖެއިން ރިޕޯޓް ކުރަމުންދިޔައީ ވަރަށް މަދުންނެވެ. ނަމަވެސް ބަލި އަނެއްކާވެސް އިތުރުވާން ފަށާފައި މިވަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް، މާލެއާއި އަތޮޅުތައް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުރިން ދުވާލަކަށް 100އިން ދަށުން ފެންނަމުންދިޔަ، ކޭސްތަކުގެ ޢަދަދު މިހާރުވަނީ 400އިން މައްޗަށް އަރާފައެވެ. އަދި ކޭސްތަކުގެ ޢަދަދު ހަލުވިކަމާއެކު އަންނަނީ ދެ ގުނަވަމުންނެވެ.

ޙާލަތާ ދިމާކޮށް އެޗްޕީއޭއިން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ އަތޮޅުތަކަށް ދަތުރުކުރާ މީހުން ކޯވިޑް ޓެސްޓްހަދަން އަންގައި އެ އުސޫލަށް ޢަމަލުކުރަން ފެށުމެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ.

"ބަލި ފެތުރޭ މިންވަރު ހަލުވިވަމުން އަންނާތީ، ކޮންމެ ދުވަހަކުހެން މިހާރު އެބަ ޙާލަތު ރިވިއުކުރެވޭ. ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަ އެކަން ކުރަން ތިބީ ތައްޔާރައް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިންވަނީ ދެވަނަ ޓަރމަށް ސްކޫލްތައް ހުޅުވާއިރު، ސްކޫލްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިލްތިމާސްކުރައްވާފައެވެ.