ތަރައްްޤީ

މަނަދޫ މަގުތަކާއި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް


ނ. މަނަދޫގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށްދެއްވާ، ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މަނަދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ނ. އަތޮޅުގެ ވެރިކަންކުރާ ރަށް، މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، މަނަދޫއަކީވެސް ސަރުކާރުން ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއް ކުރިއަށްދާ ރަށެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާތީ، އެ މަޝްރޫޢުތައް އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަނަދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި، މަނަދޫއަކީވެސް ދުވާލެއްގެ މައްޗަށް އެތައް ބަޔަކު އަރާ ފައިބާ ރަށަކަށްވާއިރު، ރަށް އުފެދިފައިވާގޮތުން ޚާއްސަކޮށް އިރުވައި މޫސުމުގައި ރަށުގެ ނެރު ބޭނުންކުރުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރިއެވެ. އެހެންކަމުން ނެރު ބޭނުންނުކުރެވޭ ދުވަސްވަރު، ރަށަށް ފަސޭހައިން އަރައި ފޭބުމަށް ރަށުގެ ދެކުނު ފަރާތުން ޖެޓީއެއް އަޅައިދިނުމަށް ރައްޔިތުން ވަނީ އެދިފައެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި ޖެޓީއެއް އެޅުމަށްޓަކާ ސަރވޭކޮށް، އެއީ ކުރެވިދާނެކަމެއްތޯ ބަލާ، ސަރުކާރުން ގޮތެއް ނިންމަވާނެކަމަށެވެ.

"މިރަަށުގެ ނާމަގު ސަރަޙައްދުގައި ޖެޓީއެއް އަޅައިދިނުމަށް ކައުންސިލުން އޮތީ ހުށަހަޅާފައި. އެހެންވީމަ އެކަމަށް ބޭނުންވާ ބަޖެޓު ހޯދުމާއި، އޭގެ ފީސިބިލިޓީ ސްޓަޑީ ހަދައި، އެއީ ކުރެވިދާނެކަމެއްތޯ ބަލާ، ކައުންސިލާއި އެކަންކަން ހިއްސާކުރާނަން" ރައީސް ވިދާޅުވިއެވެ.

މަނަދޫގެ މަގުތަކުގެ ޙާލަތާގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރަތްކުރައްވާ، ރައީސް ޞާލިޙު ވިދާޅުވީ، މަނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށެވެ. އަދި އެ ވަޢުދު ފުއްދަވައިދެއްވާނެކަމަށާއި، އެހެންނަމަވެސް މަގުހެދުމުގެ މަޝްރޫޢު ފަށާނީ ރަށުގެ ފެނާއި ނަރުދަމާގެ ޙާލަތު ރަނގަޅުކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަނަދޫގެ މަގުތައް ހެދުމަކީ އަޅުގަނޑުމެން ވީ ވަޢުދެއް. އެކަން ކުރާނަން. މިހާރު އޮތީ ޑިޒައިންކޮށް ސަރވޭ މަރުހަލާގައި. އެޔަށްފަހު ބިޑަށް ލާނަން. ނަމަވެސް އެ މަޝްރޫޢު ފަށާނީ މިރަށުގެ ފެނާއި ނަރުދަމާގެ ކަންކަން ހައްލުކޮށްފައި" ރައީސް ވިދާޅުވިއެވެ.

މަނަދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، ލޯކަލް މާރުކޭޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަށުގެ ޞިއްޙީ ނިޒާމާއި ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްވެސް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަނަދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ދާދިފަހުން ސޮއިކުރެވުނު މަޝްރޫޢުގެ ތެރެއިން އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ފައިސާ ކައުންސިލަށް ނުވަންނާތީ، އެކަން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބައްލަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

އަދި ނ. އަތޮޅު ކައުންސިލާއި، މަނަދޫ ކައުންސިލާއި ވަކިވަކި ބައްދަލުކުރައްވާ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލުން ބޭނުންވާ ކަންކަންވެސްވަނީ އޮޅުންފިލުއްވާފައެވެ.

އަދި އެކި ދާއިރާތަކުން މި ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު އެމަނިކުފާނުވަނީ ހިއްސާކުރައްވާފައެވެ.