ޚަބަރު

2021: ޤައުމީ ޚިދުމަތްތެރިންތަކެއް ވަކިވެގެންދިޔަ އަހަރެއް


ނިމިގެންމިދާ 2021 އަހަރުވެސް ނިންމާލަން މި ޖެހުނީ ކޯވިޑްގެ ބަލިމަޑުކަމުން މުޅިން އަރައި ނުގަނެވިއެވެ. އެހެންނަމަވެސް މި އަހަރަކީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަނެ ޤައުމުގެ ހާލަތު ކުރިއެކޭ އެއްގޮތަށް ޢާންމު ޙާލަތަކަށް އިޢާދަކުރުމަށް ސަރުކާރާއި އެކި ޚިދުމަތްތެރިންނާއި ރައްޔިތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ އަހަރެކެވެ.

2020ވަނަ އަހަރު ކުރިމަތިވި ކޯވިޑްގެ ޢާލަމީ ވަބާގައި އެތައްބަޔަކުވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ. އެ އަހަރުގެ ހަނދާންތައް މުޅިން ވަކިވެގެން ގޮސްފައިނުވާއިރު ނިމިދާ އަހަރަކީވެސް ދިވެހިން ރޮއްވާލި އަހަރެކެވެ.

ދިވެހި ޤައުމާއި، ރައްޔިތުން އަދި މުޖްތަމަޢަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިންގެ ލޯބި ހޯއްދަވާފައިވާ އެތައް ބޭފުޅުންނެއް މިވަނީ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނާ މިވަކިވެގެން ގޮސްފައެވެ.

މީގެތެރޭގައި އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖޭގެ ކުރިއެރުމާއި ދިވެހިންގެ ހެވާއި ލާބައަށްޓަކައި ޤައުމީ ތަރައްޤީގައި މުޅި އުމުރު ޙުސްކުރި ކުޅަދާނަ ނަމޫނާ ޝަޙުސިއްޔަތުން ހިމެނެއެވެ.

މުޖުތާޛު ފަޙްމީ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހްމީ އަވަހާރަވީ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7ވަނަ ދުވަހުއެވެ. ޖަސްޓިސް ރިޓަޔަޑް މުޖުތާޛު ފަހްމީ އަވަހާރަވީ ކޯވިޑަށް ޕޮޒިޓިވްވެ ހާލުކޮޅު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަލްއުސްތާޛު މުޖުތާޛު ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި އެންމެ ގިނަ ދުވަހު ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި އެއް ބޭފުޅާއެވެ. 2008ވަނަ އަހަރު އަމަލުކުރަން ފެށި އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ފުރަތަމަ ބެންޗުގައި އަލްއުސްތާޛް މުޖުތާޛު ފަހްމީ ހިމެނިވަޑައިގެންނެވިއެވެ. 2008ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަދުވަހުން ފެށިގެން 2010ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރައްވުމަށްފަހު ވަނީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.

އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު)

ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، އިބްރާހިމް ރަޝީދު ނުވަތަ ކަރަންކާ ރަޝީދު އަވަހާރަވީ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުއެވެ. ޢުމުރުންފުޅުން 92 އަހަރުގައި ކަރަންކާ ރަޝީދު އަވަހާރަވީ މާލޭގައެވެ. އޭނާ އަވަހާރަވީ ވަރަށްގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.

ދައުލަތުގެ އެތައް އިސް މަޤާމުތަކެއް ފުރުއްވި ކަރަންކާ ރަޝީދަކީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮޝިމޭނާ ކިލެގެފަނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ޤައުމީ ޚިދުމަތުގައި އެތައް މަސައްކަތްޕުޅުތަކެއް ކުރެއްވި ޚިދުމަތްތެރިއެކެ. އޭގެތެރޭގައި ބޮޑުވަޒީރުގެ ނައިބުކަމާއި އެތައް ވުޒާރާއެއްގެ ވަޒީރުކަން ހިމެނެއެވެ.

ހަނދުވަރު ހަސަން މަނިކު

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކު) އަވަހާރަވީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުއެވެ.

ހަސަން މަނިކުގެ އާލާސްކަންފުޅު ބޮޑުވެ ފަރުވާދެމުން ގެންދަވަނިކޮށް އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އޭރު އުމުރުފުޅަކީ 92 އަހަރެވެ.

ހަނދުވަރު ހަސަން މަނިކަކީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވި ހަސަން މަނިކުވަނީ ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ގިނަދުވަހު ޙިދުމަތްކުރައްވާފައެވެ.

ޙަސަން މަނިކު (ކޮއްޔަ)

ފިލްމީ ތަރި ޙަސަން މަނިކު (ކޮއްޔަ ހަސަންމަނިކު) އަވަހާރަވީ، 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ. އޭނާވެސް އަވަހާރަވީ ކޯވިޑަށް ޕޮޒިޓިވެ ހާލު ސިރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލިގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މޮޅު ހުނަރުވެރި ފަންނާނެކެވެ. 1980ވަނަ އަހަރު ފިލްމީ މަސައްކަތްތަކަށް ނުކުންނެވި ޙަސަން މަނިކަކީ ކޮންމެ ރޯލަކަށްވެސް ފިޓް ކުޅަދާނަ އެކްޓަރެކެވެ. ރާއްޖޭގައި އެންމެ މަޝްހޫރުވި ފިލްމުތަކާއި ޑްރާމާތަކުގައިވެސް ޙަސަން ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ.

ނާއިލާ އިބްރާހިމް ކަލޭފާނު

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވީ 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަދި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ.މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާގެ ޚިދުމަތްތައް ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ ދާއިރާއިން ފާހަގަވެފައިވާއިރު، އެކަމަނާ ވަނީ 1970ވަނަ އަހަރުން ފެށިގެން 25 އަހަރު ވަންދެން އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަންކުރައްވާފައެވެ.

މީގެއިތުރުން އެކަމަނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިސްކޮށް ހުންނަވައިގެން އުފެއްދި ސޯސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ފައުންޑަރ މެމްބަރެކެވެ. ކެއްކުމާއި ގުޅުންހުރި ފޮތްތައްވެސް އެކަމަނާ ވަނީ ޝާއިޢުކުރައްވާފައިވެއެވެ.

ލޯޖެހި އަޙްމަދު މަނިކު

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ކުރީ ސަފުގައި ފާހަގަކޮށްލެވުނު ޚިދުމަތްތެރިޔާ، ގ.ޕަރނިސް ލޯޖެހި އަޙްމަދު މަނިކު އަވަހާރަވީ 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ގުނާލެވުނު އަޙްމަދު މަނިކަކީ 2009ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އަހްމަދު މަނިކުގެ ޚިދުމަތް ވިޔަފާރީގެ ދާއިރާއިން ފެށިފައިވަނީ، މީގެ 50 އަކަށް އަހަރު ކުރިންނެވެ. ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު "ބީޗްވިލާ" ހިންގަވަން ފެށްޓެވި ދުވަސްވަރު، 1961ވަނަ އަހަރު އެތަން އުފައްދައި ދިވެހިންގެ ތެރެއަށް ތަޢާރުފުވެ، މަޝްހޫރުވެގެންދިޔަ ފިނިބުއިން، އޭރުގެ ނަމުންނަމަ "ޑޮންޑޮން“ ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ، ލޯޖެހި އަޙްމަދުމަނިކެވެ.

ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމަކީ އޭނާ އަބަދުވެސް ދެކެވަޑައިގެންނެވި ހުވަފެނެކެވެ. އެކަން ޙަޤީޤަތަކަށް ވެގެންދިޔައީ 1982ވަނަ އަހަރުއެވެ. މިކަމުގައި އެންމެބޮޑަށް ފާހަގަކުރެވޭކަމަކީ، އޭނާގެ އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. އެފޯމިއުލަރ ވެގެންދިޔައީ، ހަމައެކަނި އަޙްމަދުމަނިކު ފިޔަވައި އެހެންފަރާތަކަށް ނޭނގޭ ސިއްރު ފޯމިއުލަރއަކަށެވެ.

"ތްރީ ޗޮއިސް"ގެ ނަމުގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް، 14 އޯގަސްޓް 1989އިން ފެށިގެން އޭނާ ކުރައްވަމުން ގެންދެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.

އޭނާގެ ހިތްވަރު ފާހަގަކޮށް، 1997ވަނަ އަހަރު ސަރުކާރުން ވަނީ އަޙްމަދު މަނިކަށް ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައިއެވެ.

ސަރުދާރު ދޮންމަނިކު

ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވުމުގައި ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވީ 2021ވަނަ އަހަރުގެ މެއި މަހުގެ 13ވަނަ ދުވަހުއެވެ.

ސަރުދާރު ދޮންމަނިކު އަވަހާރަވީ ނޭވާލުމަށް އުނދަގޫތަކެއް ކުރިމަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގިސް ފަރުވާ ދެމުން ގެންދަނިކޮށެވެ. އޭރު އުމުރުފުޅަކީ 93 އަހަރެވެ. އަވަހާރަވުމުގެ ކުރިން ސަރުދާރު ދޮންބެ ވަނީ ކޯވިޑަށް ޕޮޒިޓިވެ އެބައްޔަށް ފަރުވާ ހޯއްދަވާފައެވެ.

ސަރުދާރު ދޮންމަނިކަކީ ދައުލަތުގެ ނިޝާން ކުރެއްސެވުމުގައި ހިއްސާވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވުމުގެ ޝަރަފުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ސަރުދާރު ދޮންމަނިކަށް ވަނީ 1996ވަނަ އަހަރު ކުރެހުމުގެ ރޮނގުން ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ. އޭނާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބޮޑެތި ތަޞްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން އެއްޗެތި ހެއްދެވުންވެސް ހިމެނެއެވެ.

ގައްދޫ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް އަވަހާރަވީ 2021ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. ޒާހިރު އަވަހާރަވީ ކޯވިޑް ބަލީގެ އަލާސްކަންފުޅުގައި އުޅުއްވުމަށްފަހު އެ ބަލިން ފަސޭހަވެފައިވަނިކޮށެވެ.

ޑީއާރުޕީއާއި ޕީއޭގައިވެސް ކުރިން މަސައްކަތްކުރެއްވި ޒާހިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގައެވެ. މިހާރު އަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ގައްދޫ ޒާހިރުވަނީ 2005ވަނައަހަރުގެ ފެބުރުއަރީމަހުގެ 27އިން 2009ވަނަ އަހަރުގެ މޭ 27 އަށް ރައްޔިތުންގެ މަޖިލީހުގެ ގދ.އަތޮޅުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި 2009ވަނަ އަހަރުގެ މޭ 28 އިން 2014ވަނަ އަހަރުގެ މޭ 27އަށް ޒާހިރުވަނީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުންކަންވެސް ކުރައްވާފައެވެ.

2005ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 އިން 2008ވަނަ އަހަރުގެ ޖޫންމަހުގެ 26ވަނަ ދުވަހަށް ޒާހިރުވަނީ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. ޒާހިރަކީ ސިޔާސީ ދައިރާގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޓުއަރިޒަމް ދާއިރާގައިވެސް ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ.

އިސްމާޢީލް ފަތުޙީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވީ 23 މެއި، 2021 ގައެވެ. އުމުރުން 80 އަހަރުގައި އޭނާ އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅުގައެވެ.

ފަތުޙީ ވަނީ 1993ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނިޔަލަށް އޮޑިޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އޭނާއަކީ ރާއްޖޭގެ އެކައުންޓިން ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އޭނާގެ މުހިންމު މަސައްކަތްޕުޅުތަކުގެތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރައްވައި ޒަމާނީކުރެއްވުން ފާހަގަކުރެވެއެވެ.

އަލްއަމީރު މުޙަންމަދު ނޫރައްދީން

ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި، ޚިދްމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙަންމަދު ނޫރައްދީން އަވަހާރަވީ 2021ވަނަ އަހަރުގެ މެއި މަހުގެ 25ވަނަ ދުވަހުއެވެ.

އައްސުލްޠާން ޙަސަން ނޫރައްދީންގެ މުޙަންމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުންނެވެ. މުޙައްމަދު ނޫރައްދީންގެ ސިއްޙީ ހާލުކޮޅު ބޮޑަށް ގޯސްވީ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މުޙަންމަދު ނޫރައްދީނަކީ، 25 ޖުލައި 1954ގައި ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފަށްޓަވައި މުހިންމު އެތައް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި، ވުޒާރަތުލް އަޥްޤާފުގެ ސެކްރެޓަރީ ކަމާއި، މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރެއްވި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެއެވެ.

އޭގެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މުޙަންމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ.އަތޮޅުގެ މެންބަރުކަމާއި، ދ.އަތޮޅުގެ މެންބަރުކަމާއި، ގއ.އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޙަންމަދު ނޫރައްދީން ވަނީ މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރައްވާފައެވެ. އެމަނިކުފާނު ދިވެހި ދަޢުލަތަށާއި، ރައްޔިތުންނަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތުގެ އަގުވަޒަންކޮށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް 2011ވަނަ އަހަރުވަނީ އަރުވާފައެވެ. އަލްއަމީރު މުޙައްމަދު ނޫރައްދީންއަކީ ރާއްޖޭގެ ރަސްކަމުގެ ދަރިކޮޅުގެ ތެރެއިން ރަސްކަލެއްގެ ދަރިކަލަކަށް އެންމެފަހަށް ހުންނެވި، ހަމައެކަނި އަމީރެވެ. އެމަނިކުފާނުގެ ބައްޕާފުޅާކީ، އައްސުލްތާން ޙަސަން ނޫރައްދީންއެވެ.

ފިޔާތޮށި އަހުމަދު މަނިކު

ދަޢުލަތަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހުސައިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) އަވަހާރަވީ 2021ވަނަ އަހަރުގެ ޖޫން މަހުގެ 7ވަނަ ދުވަހުއެވެ.

އަޙްމަދު ޙުސައިން މަނިކު އަވަހާރަވެފައިވަނީ ކޯވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 102 އަހަރެވެ. އަހުމަދު ހުސައިން މަނިކުއަކީ ދިވެހިންގެ ތެރެއިން 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ.

އަޙްމަދު ޙުސައިން މަނިކުއަކީ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމާއި މަޖިލިސް މެމްބަރުކަމާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިއެއްގެ މަޤާމު ފުރުއްވާފައިވާ ޚިދުމަތްތެރި ހަރުދަނާ ބޭފުޅެކެވެ.

މާޅޮހު ނަޞީރު

ދިވެހި ޢަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ މާޅޮހު ނަޞީރު އަވަހާރަވީ، 2021ވަނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

މަރުހޫމް މުޙައްމަދު ނަޞީރަކީ ޢަދަބީ ލިޔުންތަކާއި އެތައް ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހުން ފެންވަރު ރަނގަޅު މޮޅު ލިޔުންތަކެއް ލިޔުއްވާފައިވާ މާޅޮހު ނަސީރުގެ އެތައް ލިޔުންތަކެއް ފަތްތޫރަ ފަދަ މަޖައްލާތަކުގައިވަނީ ޝާޢިއުކޮށްފައެވެ. އެގޭ ތެރޭގައި ޤައުމީ، ދީނީ، އިޖްތިމާޢީ އެތައް އިލްމީ ލިޔުންތަކެއް ހިމެނެއެވެ.

މުޙައްމަދު ނަޞީރު ވަނީ އއ.މާޅޮހުގެ ކަތީބެއްގެ ހައިސިއްޔަތުންނާއި ތަފާތު އެކި ރޮނގުތަކުން އެރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެއްގަމުގޭ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ

ކޯވިޑް ބަލީގައި ފަރުވާ ހޯއްދަވުން ގެންދަވަނިކޮށް އެއްގަމުގޭ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވީ 2021ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަކީ ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީ ދީދީގެ ދަރިކަނބަލުންނެވެ.

އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭރު އުމުރުފުޅަކީ 90 އަހަރެވެ. ޖަމީލާ އިބްރާހީމް ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރުގެ ހުވަފަތް އަނބިކަނބަލުންނެވެ.

ކޮނޑޭ އަލިބެ

ދިވެހިރާއްޖޭގެ ރޭޑިއޯ ބްރާޑްކާސްޓިނަށް އަގުހުރި ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޮނޑޭ އަލިމަނިކުވެސް ވަކިގެންދިޔައީ 2021ވަނަ އަހަރުގެ ތެރޭގައެވެ. ޖުލައިމަހުގެ 16 ވަނަދުވަހު އަލިބެ އަވަހަރާވީ އުމުރުން އުމުރުފުޅުން 87 އަހަރުގައެވެ.

އަލީ މަނިކު އަކީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ފަންނީ މޭސްތިރިއެކެވެ. ބްރޯޑްކާސްޓިންނަށް ބޭނުންކުރި ބައެއް ޓްރާސްމީޓަރާއި އިތުރު ބައެއް އިކުއިޕްމަންޓްތައް އަލިމަނިކު އަމިއްލައަށް އުފައްދަވައިގެން ވަނީ ބޭނުންކުރައްވާފައެވެ. ބްރޯޑްކާސްޓިން ޓްރާސްމީޓަރުތަކާއި ބައެއް އިކުއިޕްމެންޓްތައް މަރާމާތުކުރުމުގައި މިހާރު މަސައްކަތްކުރާ ގިނަ ޓެކްނީޝަނުންނަކީ ޢަލި މަނިކުގެ ދަރިވަރުންނެވެ.

ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވާފައިވާ އަގު ހުރި ޚިދުމަތްތައް ފާހަގަކުރައްވައި ދިވެހިރާއްޖޭގެ އަޑުން ދިން އެންމެ މަތީ ޝަރަފުވަނީ އަލިމަނިކަށް އަރުވާފައެވެ.

ޗިޅިޔާ މޫސާ މަނިކު

ތަމްސީލު ކުޅުމުގެ ދާއިރާ އާއި ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ މަޝްހޫރު ފިލްމީ ތަރި، މއ.ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ޗިޅިޔާ މޫސާ މަނިކަކީ، ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސްމެއެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "ޣާޒީ ބަންޑާރައިން" ފިލްމުންނެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.

ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން އަވަހާރަވުމާހަމައަށް ހަމައަށް ތަފާތު އެތައް ފިލްމެއްގައި މޫސާ މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް ކުޅުއްވާފައެވެ. 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލަވަކިޔުންތެރިޔާ ޝަހުބާން

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ޝަހުބާން އަވަހާރަވީ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ.

ރާއްޖެ ދުށް އެންމެ ހުނަރުވެރި އަތުލިޔުންތެރިޔާ އަލީ ފަހުމީ (ތަބަށް އަލިފުޅު)ގެ ކާފަ ދަރިއެއްކަމަށްވާ ޝަހުބާން އަވަހާރަވީ އުމުރުން 53 އަހަރުގައެވެ.

އަބްދުއްރަޝީދު ހުސެއިން ހެއްދެވި "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި" މި ލަވައިން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯއްދެވި ޝަހުބާން ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ތައާރަފުވީ 1990ގެ އަހަރުތަކުގައި ބޭއްވި ގެލެކްސީ ޝޯތަކުންނެވެ. އަދި އޭގެފަހުން ދިވެހިރާއްޖޭގެ އަޑުގެ "ވޭވްސް" ބޭންޑުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާ ގިނަ ލަވަތަކެއް ބައިވެރިވެޑައިގަތެވެ.

ޝަހުބާނަކީ އެތައް ކުދިންނަށް ލަވަ އުގަންނައި ދިނުމުގައިވެސް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.

ކޮޕީ މުޙައްމަދު ރަޝީދު

ގިނަ އަހަރުތަކެއްވަންދެން ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ 2021ވަނަ އަހަރުގެ ނޮވެންބަރު 11ވަނަ ދުވަހުއެވެ،

3 ފަހަރެއްގެ މަތިން ޢާންމު ޚިދުމަތުގެ އިނާމުސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެން ހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމު ޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ޢަބްދުﷲ ޙަސަން

ޤައުމީ ލަވަޔާއި މަދަހައާއި ހޭލުންތެރިކަމުގެ އެތައް ލަވައެއް ކިޔުވައިގެން ޢާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ކުޅަދާނަ އަދި މަޝްހޫރު ފަންނާނު ޢަބްދުﷲ ޙަސަން އަވަހާރަވީ ނޮވެންބަރު 17 ވަނަ ދުވަހުއެވެ.

ވަރަށްގިނަ ދުވަސްވަންދެން ބަލި އެނދުގައި އޮންނެވުމަށްފަހު އަވަހާރަވި ޢަބްދުﷲ ޙަސަނަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު މޮޅު ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ލަވަތައް އޭނާ ވިދާޅުވެފައިވެއެވެ.

ދިވެހި ލަވަކިޔުމުގެ ރޮނގުން 1981ވަނަ އަހަރު ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވާ ޢަބްދުﷲ ޙަސަން ރާއްޖެއަށް މަޝްހޫރުވެފައިވަނީ "ގައުމީ ގުރާ"ގެ ގޮތުގައެވެ. އޭނާގެ އަޑު އިވުމުންވެސް ޤައުމީވަންތަކަމުގެ އިޙްސާސް ކުރެވޭކަމަށް އެތައްބަޔަކު ބުނެއެވެ.

އެއީ ވިދާޅުވެފައިވާ ޤައުމީ ލަވަތަކުގެ ގިނަކަމާއި އޭގެ ފުރިހަމަކަމުންނެވެ. އޭނާ އެންމެ މަޝްހޫރީވެސް ޤައުމީ ލަވަތައް ވިދާޅުވުމުގައެވެ. ޤައުމީ ޖޯޝާއި ފޯރި އަދި ޤައުމީ އިޙްސާސް އޭގެ އެންމެ ފުރިހަމަގޮތުގައި އުފެދޭ ގޮތަށް އޭނާ ވިދާޅުވެފައިވާ ލަވަތަކުގެ މަޤުބޫލުކަން މިއަދުވެސް ވަރަށްބޮޑެވެ. މިހާރުވެސް ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ހަފްލާތަކުންނާއި ޓީވީ، ރޭޑިއޯއިން އެލަވަތައް ގެނެސްދެއެވެ.

މަޖިލިސް މެމްބަރު ހުސެއިން ވަހީދު

2021ވަނަ އަހަރު އަވަހާރަވި ޚިދުމަތްތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދެވެ.

ދެ އަހަރެއްހާ ދުވަހު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުވުމަށްފަހު ޙުސެއިން އަވަހާރަވީ 2021ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14ވަނަދުވަހުގެ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.

ހުސެއިންއަކީ 17 އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި ދަތުރުގައި ހުސެއިން ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ނޢޢވ، ޢުމަރު ޒާހިރު

ގިނަ ދުވަސްތަކެއް ވަންދެން ޤައުމަށް ގިނަގުނަ ޚިދުމަތްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅުގައެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުގައެވެ.

ޢުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

އެމަނިކުފާނު ވަނީ ދިވެހި ދަޢުލަތަށް 50 އަހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.

އެމަނިކުފާނު އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތަކުގެ ތެރޭގައި 1980އިން 1993 މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި، 1983އިން 1988އަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމާއި، 1988އިން 1993 އަކަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމް ފުރުއްވާފައިވެއެވެ. އަދި 1993އިން 2004އަކަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަޤާމާއި، 2004އިން 2005އަކަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމާއި، 2005އިން 2008އަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.

މުހައްމަދު ރަޝީދު

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވީ، 26 ޑިސެމްބަރުގައެވެ. އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު އަވަހާރަވިއިރު، މުޙައްމަދު ރަޝީދަކީ އެކި މަގާމުތަކުގައި އެކުންފުންޏަށް 50 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ.

ޗެއާމަން މުޙައްމަދު ރަޝީދު ސްޓެލްކޯގެ ޚިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ސްޓެލްކޯގެ ސީ.އީ.އޯގެ މަޤާމުވެސް ވަނީ ފުރުއްވާފައެއެވެ.

މި ރިޕޯޓްގައި ހިމެނިފައި ނެތް ނަމަވެސް، ޤައުމަށާއި، ރަށަށް އަދި މުޖުތަމައަށް އަގުކުރެވޭ އެތައް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން މި ނިމިދާ އަހަރުވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ.

މިބޭބޭފުޅުންނާއި ބޭކަނބަލުންނަކީ ދިވެހި ޤައުމާއި، ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ނުހަނު އިޚްލާސްތެރި އަގުހުރި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މި ބޭފުޅުންގެ ނަން ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެއެވެ. އަދި އެބޭފުޅުންގެ ޚިދުމަތާއި ވެވަޑައިގެންނެވި ޤުރުބާނީން އިބުރަތް ލިބިގަނެ މިއަދުގެ ޒުވާނުން ފިލާވަޅު ލިބިގަތުމަކީ ނުހައްނު މުހިއްމުކަމެކެވެ.