ތަރައްްޤީ

2023 ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެރީ ހިޔާތައް ޤާއިމުކުރެވޭނެ: އާޒިމް


2023 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެރީ ހިޔާތައް ޤާއިމުކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ވިދާޅުވީ، ސްޕީޑް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށްދޭ ކުންފުންޏަކަށް އެކުންފުނި ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުން، ހއ. ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމަށް އެމް.ޓީ.ސީ.ސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. މި ނިޒާމުގެ ޒޯން 1 ގެ ޚިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ޒޯން އެކެއްގައި ބޭނުންކުރާ ފުރަތަމަ ފެރީ މިހާރުވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ.

އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން ކަނޑުދަތުރުފަތުރަށް މިހާރު ބޭނުންކުރާ ފެރީތަކުގެ ދުވެއްޔަކީ 10 ނޮޓްކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތުގެ ދަށުން އަލަށް ބަންނަ އުޅަނދުފަހަރުތަކަކީ ގަޑިއަކު 30 އާއި 50 ނޮޓްގެ ބާރު ސްޕީޑެއް ލިބިފައިވާ އުޅަނދުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނދަރު ސަރަޙައްދުގައި ލަފާފުރާ މީހުން ހިޔާވާނެ އެކަށީގެންވާ ވަޞީލަތެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދުފުޅާއެކު 2023 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެރީ ހިޔާގެގޮތުގައި ތަންތަން ޤާއިމުކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑަށް ދެއްވި އިރުޝާދަކީ މި ހާލަތު ބަދަލުކުރަންޖެހެއޭ. ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން ޖެހެއޭ. ރައްޔިތުން އުޅެންޖެހޭނީ އުފަލުގައޭ. ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވާރެއާއި އަވިން ނިވާވެވޭނެ ހިޔަލެއް ފެރީގެ ޚިދުމަތާއެކު ޤާއިމުކުރަންޖެހެއޭ. މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު 2023 ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެރީ ހިޔާގެ ގޮތުގައި އެފަދަ ތަނެއް އަޅުގަނޑުމެން ރައީސްގެ ލަފާފުޅާއެއްކޮށް ޤާއިމުކުރާނަން" އާޒިމް ވިދާޅުވިއެވެ.

ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ޚިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ މީހުންގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ. ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާއިރު، ބޭނުންކުރާނީ އޭސީ ފެރީތަކެކެވެ. އަދި ކޮންމެ ޕަސިންޖަރަކަށްވެސް 20 ކިލޯގެ ކާގޯ އުފުލޭނެކަމަށްވެސް އެމް.ޓީ.ސީ.ސީން ހާމަކުރެއެވެ.

ރާއްޖޭގެ އުތުރުގައި ފެރީގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީން ތައްޔާރުވަމުންދާއިރު، ރާއްޖޭގެ ދެކުނުން ހައްދުންމައްޗާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާރު ފޯރުކޮށްދޭ ބަހުގެ ޚިދުމަތް އެއަށްވުރެ ފެންވަރު ރަނގަޅުކޮށް، 2022 ގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށާއި ހައްދުންމައްޗަށް ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ ވިދާޅުވިއެވެ.