ތަރައްްޤީ

ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ


ރާއްޖޭގެ 6 ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާންކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ސަރުކާރުން ތަރައްޤީކުރުމަށް ބޭނުންވާ 6 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.

މި މޮޑެލްގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 6 އެއަރޕޯޓުގެ މަޝްރޫޢަށް ޖުމްލަ 133 މިލިއަން ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރެވޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މިއަހަރުގެ ކުރީކޮޅުވެސް ސަރުކާރުން ވަނީ ރާއްޖޭގެ 4 ސަރަޙައްދެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހުޅުވާލާފައެވެ. އެފަހަރު އިޢުލާންކޮށްފައިވާ ރަށްތަކަކީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫއެވެ. ޕްލޭނިންގ މިނިސްޓްރީން މިފަހަރު އިޢުލާންކޮށްފައިވަނީ މި 4 ރަށުގެ އިތުރުން ފ. މަގޫދޫއާއި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށެވެ. އެހެންނަމަވެސް ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓް ތަރައްޤީކުރާނެ ރަށް އަދި ކަނޑައެޅިފައިނުވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި 6 އެއަރޕޯޓުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް އަންދާޒާކޮށްފައި ވަނީ ތ. ވިލުފުށި އެއަރޕޯޓުގެ މަޝްރޫޢަށެވެ. އެ މަޝްރޫޢަށް އެކަނިވެސް 33.3 މިލިއަން ޑޮލަރު ނުވަތަ 513 މިލިއަން ރުފިޔާ ހޭދަވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެއަރޕޯޓު އަޅާ ރަށްތަކާއި ލަފާކުރާ ޚަރަދު:

  • ހދ. މަކުނުދޫ – 23.3 މިލިއަން ޑޮލަރު (359 މިލިއަން ރުފިޔާ)
  • ށ. ބިލެއްފަހި – 23.6 މިލިއަން ޑޮލަރު (363 މިލިއަން ރުފިޔާ)
  • ބ. ތުޅާދޫ – 21.9 މިލިއަން ޑޮލަރު (337 މިލިއަން ރުފިޔާ)
  • ތ. ވިލުފުށި – 33.3 މިލިއަން ޑޮލަރު (513 މިލިއަން ރުފިޔާ)
  • ފ. މަގޫދޫ – 8.2 މިލިއަން ޑޮލަރު (126 މިލިއަން ރުފިޔާ)
  • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް – 23.6 މިލިއަން ޑޮލަރު (363 މިލިއަން ރުފިޔާ)


ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މިއިން ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫޢަކަށްވާތީ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްޤީކުރާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއަރޕޯޓު މަޝްރޫޢަކަށްކަން، ކުރިމަތިލާ ފަރާތްތަކުން ބަޔާންކުރަން ޖެހޭނެކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސްކުރުމަށްވެސް ހުށަހެޅިދާނެކަމަށާއި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ ޢަދަދަކީ 5 މިލިއަން ޑޮލަރުކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ)ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް 1747.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. އެއަރޕޯޓުތައް ހިމެނެނީ ލަފާފުރުގެ މަޝްރޫޢުތަކުގެ ބައިގައެވެ.

އެގޮތުން ސަޢޫދީ ފަންޑާއި، އަބޫދާބީ ފަންޑާއި ކުވެއިތު ފަންޑާއި އޮފިޑް ފަންޑުގެ ދަށުން ހަމަޖެހިފައިވާ ލޯނު އެހީގެ ތެރެއިން 560.8 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. އަދި ޑޮމެސްޓިކް އެއަރޕޯޓުތައް ތަރައްޤީކުރުމަށްވަނީ 123.3 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ.