ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަމަހު ފެށޭނެކަމަށް އެމްޑަލިއުއެސްސީން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށަން ބޭނުންވާ ހުރިހާ ސަރވޭތަކާއި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ލިބިފައިވާކަމަށެވެ.
ދަރަވަންދުއަކީ ބ.އަތޮޅުގެ މައި ދޮރާއްޓެވެ. އަތޮޅަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ މަންޒިލަކީ މިރަށެވެ. ބ.އަތޮޅަށް އަންނަ ގިނަ ފަތުރުވެރިންނާއި ޢާމުން އެންމެ ބޮޑު އެއް ޝަކުވާއަކީ އެރަށުން ރައްކާތެރި ރަނގަޅު ފެން ނުލިބުމުގެ ޝަކުވާއެވެ. އަދި ރަގަޅު ނަރުދަމާ ނިޒާމެއް ނެތުމުން ކުރިމަތިވާ ދަތިތަކުގެ ޝަކުވާއެވެ.
"ފެނުން ފާވަސް ދުވުމުމަކީ ފަތުރުވެރިންގެ ކަންބޮޑުވުމެއް މިކަމާ ބައެއް ފަތުރުވެރިން ސުވާލުވެސްކުރޭ. ކިހިނެހޭ ފާޚާނައިގެ ނަޖިސް ހިންދަނީ ކިޔާފައި. ދެން މޫދައް އަޅާފައި އޮންނަ ހޮޅިއެއް ދައްކައިގެން އެކަން ހައްލުކޮށްލަނީ އަސްލު ބިމައް ހިންދާކަން ބައެއް މީހުންނަށް އެނގޭ. އެއީ ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް އޮތް ބޮޑު ގޮންޖެހުމެއް" އެރަށުން ވާހަކަދެއްކި މީހުންބުންޏެވެ.
މިފަސް އަހަރުދުވަހުގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ރަގަޅު ނަރުދަމާ ނިޒާމެއް އޮތުމަށް ސަރުކާރުން ކަނޑައެޅި ހިސާބުން ދަރަވަންދޫ ރައްޔިތުންނަަށްވެސް އުންމީދު އާވަގެންދިޔައެވެ. މިހާރު އެމީހުން ޝަކުވާއަކީ އެމަސައްކަތް ނުފެށި ލަސްވަމުން ދާދިއުމެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުން ދާތީ އެކަމުގެ ޝަކުވާ ލިބޭކަމަށާ، މަސައްކަތް ނުފެށިލަސްވަމުން ދިޔައީ ކޯވިޑްގެ ހާލަތާ ގުޅިގެން، މިކަމުގެ މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ނުލިބިގެންކަމަށެވެ.
މިމަޝްރޫޢުގެ ދަށުން މިރަށުގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް ގޭބިސީއާއި ސަރުކާރު މުއައްސަސާ ތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
ސަރުކާރުން ދަރަވަންދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެޚިދުމަތްވެސް އަންނައަހަރު ފޯރުކޮށްދެވޭވަރުވާނެކަމަށް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އެރަށު ކައުންސިލްގެ ރައީސް ޢަލީ ސަމީހް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މި މަސައްކަތް މި އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.