ތަރައްްޤީ

މުވައްޒަފުންގެ ހީވާގި މަސައްކަތުން ޤައުމީ ތަރައްޤީއަށް އައު ރޯޝަންކަމެއް ގެނެވިއްޖެ: އާޒިމް


އެމް.ޓީ.ސީ.ސީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އައު ރޯޝަންކަމެއް ގެނެއްވިއްޖެކަމަށް އެކުންފުނީގެ ޗީފް އެގެޒެކެޓިވް އޮފިސަރ، ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީގެ 41ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، އާޒިމް ވަނީ އެކުންފުނީގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ފާހަގަކުރައްވާ، މި ސަރުކާރުގެ މަސައްކަތުން އެކުންފުނި އަމިއްލަ ފައިމައްޗަށް ކޮޅަށް ނަގައިދީފައިވާކަމަށް ވިދާޅުވެފައެވެ.

އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކުންފުނީގެ 41 އަހަރުގެ ތާރީޚުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ކުންފުންޏަކަށް އެކުންފުނި ހަދައިދިނީ ކުންފުނީގެ ހީވާގި މުވައްޒަފުންކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުން އެހާ ވަރުގަދަ އަޒުމަކާއި ހިތްވަރަކާއި މުރާލިކަމަކާއި ކެތްތެރިކަމަކާއި، ރިވެހި އަޙްލާޤަކާއެކު ރޭއާދުވާލު ހޭދަނުކުރިނަމަ، އެކުންފުނިން ދައްކާނެ ކާމިޔާބީގެ އެއްވެސް ވާހަކައެއް ނޯންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އިންސާނުން 24 ގަޑިއިރު ހިނގަ ހިނގާ ހުންނަ މެޝިންތަކެއް ފަދައިން މަސައްކަތްކުރާ ވާހަކައަކީ މި ޒަމާނުގައި އިވުން ވަރަށް ނާދިރު އަޑެއް. އެކަމަކު އެ ނާދިރު އަޑާއި މަންޒަރު މުޅި ރާއްޖެ މިއަދު ހެކިވޭ. މި ކުންފުނިން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގައި ޓީމް އެމްޓީސީސީގެ މުވައްޒަފުން މިއަދު މަސައްކަތް ކުރަމުން އެގެންދަނީ އެގޮތަށް. އެއީ އަޅުގަނޑުމެންނަށް ރައީސް ޞާލިޙުގެ ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި މި މަޝްރޫޢުތައް ރަނުން ރަނަށް ނިންމޭ ސަބަބަކީ. އެހެންކަމުން މިއީ އަޅުގަނޑުގެ ހިތުގައި އަޅުގަނޑުމެންގެ މުވައްޒަފުންނާމެދު އޮތް ޝުކުރުގެ ލޯބި ބަންޑުންވާ ވަގުތު" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ ކެޕޭސިޓީ މިއަދު އިތުރުވެ، މަސައްކަތުގެ ސްޕީޑުވެސް އެތައްގުނައެއް ހަލުވިވެފައިވާކަމަށެވެ. އެގޮތުން 2018 ކުރިން އެކުންފުނީގެ މުވައްޒަފުންގެ ޢަދަދަކީ ގާތްގަނޑަކަށް 1500 މުވައްޒަފުންކަމަށާއި، މިއަދު އެ އަދަދު ދެ ގުނަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިން 3 އަހަރު ނިންމޭ ބަނދަރު ހެދުމުގެ މަސައްކަތްތައް މިހާރު 1 އަހަރު ނިންމާލެވޭކަމަށާއި، 3 އަހަރު ނިންމޭ އެއަރޕޯޓުގެ މަސައްކަތްތައް ގާތްގަނޑަކަށް 18 މަސްދުވަހުން ނިންމާލެވޭކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީން މިއަދު ރިކޯޑް ޢަދަދަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާއިރު، ކުންފުންޏަށް ލިބޭ ފައިދާވެސް ރިކޯޑް ޢަދަދަކަށް އިތުރުވެފައިވާކަމަށެވެ.

"2018 ގެ ކުރިން މި ކުންފުންޏަށް ހިންގިފައިއޮތީ އެއްފަހަރާ ގާތްގަނޑަކަށް 25 މަޝްރޫޢު. ނަމަވެސް މިއަދު އަޅުގަނޑުމެން އެއްފަހަރާ 94 މަޝްރޫޢެއްގައި ހަރަކާތްތެރިވަމުން އެބަ ގެންދަން. އަދި އެއްފަހަރާ 64 މަޝްރޫޢެއްގައި އެއްވަގުތެއްގައި މިދަނީ ހިންގަމުން. ހިއްސާދާރުންނަށް އެގިވަޑައިގަންނަވާނެފަދައިން 2020 ވަނަ އަހަރު ކުންފުންޏަށްވަނީ ރިކޯޑް މިންވަރަކަށް ފައިދާވެފައި. އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ 2021 ގެ މިހާތަނަށް ކުންފުނީގެ ފައިދާ ވަނީ މިދިޔަ އަހަރުގެ ފައިދާއަށްވުރެ މައްޗަށް ރިކޯޑްކުރެވިފައި" އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީއަށް ދެން ކުރިއަށްއޮތީ 50 އަހަރަށް ވާޞިލުވުމަށް އޮތް ރަންޔޫބީލުގެ ވަރަށް އުޖާލާ ދުވަސްތަކެއްކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. އެގޮތުން އެކުންފުނިން ކުރިއަށްއޮތްތަނުގައި ބައިނަލްއަޤްވާމީ ބިޔަ މަޝްރޫޢުތައް ހިންގުމާއި، ބްރިޖާއި ބައިނަލްއަޤްވާމީ ޑޮކްޔާޑާއި، ހައި ސްޕީޑް ފެރީތައް ޤާއިމުކުރުމުގެ މަސައްކަތްކުރާތަން ފެނިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ފެންވަރުގެ ޤާބިލު މުވައްޒަފުންވެސް ބިނާކުރެވޭނެކަމަށާއި، އެކަންކަމަށް ބޭނުންވާ އެކްސްޕަޓީސްއާއި ނޯ-ހައު އެކުންފުންޏަށް ހޯދޭނެކަމާމެދު ޝައްކުނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.