ތަރައްްޤީ

ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލައެޅުމުގެ މަސައްކަތް ނިމުމަކާއި ގާތަށް


ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލައެޅުމުގެ މަސައްކަތް ނިމުމަކާއި ގާތަށްގޮސްފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމްޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގޮތުން އެއަރޕޯޓް ރަންވޭ، ޓަރނިންގ ޕެޑް، ޓެކްސީވޭ، އެޕްރޮން، ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ އިތުރުން ސަރވިސް ރޯޑުގެ ބެކްފިލިންގ އަދި ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. އަދި މި ތަންތަނުގައި ސަބްބޭސްގެ ފުރަތަމަ 2 ލޭޔަރާއި ބޭސް ކޯސް އެޅުމުގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

މުޅި މަޝްރޫޢަށް ބަލާއިރު ރަންވޭ، ޓަރނިންގ ޕެޑް، ޓެކްސީވޭ، އެޕްރޮން، ފަޔަރ ރޯޑް އަދި ފަޔަރ ޕެޑްގެ 83 އިންސައްތަ މަސައްކަތާއި، ޓެކްސީވޭއާއި އެޕްރޮންގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ފަޔަރ ބިލްޑިންގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، ޕަސެންޖަރ ޓަރމިނަލްގެ ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ނިމުމަކާއި ހިސާބަށް ގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކައި ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެމްޓީސީސީން މިދިޔަ އޮކްޓޯބަރުމަހު ވަނީ އެރަށް ގެންގޮސްފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. ނަމަވެސް ކޯވިޑް-19އާއެކު ކުރިމަތިވި ގޮންޖެހުންތަކާއެކު އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ކުރީކޮޅު އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ސަރުކާރާ ޙަވާލުކުރުމަށެވެ.