ރިޕޯޓް

ހަންޏާމީދޫ ބަނދަރުގެ ޖާގާގެ ދަތިކަމަށް ހައްލެއް!


ލަފާ ފުރުމަށް ދަތިކަން ޙައްލުވެ ޖާގަތަނަވަސް ބަނދަރެއް ލިބުމަކީ އދ.ހަންޏާމީދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެކެވެ. އެރަށު ރައްޔިތުންގެ ޒަމާންވީ މި ހުވަފެން ހަގީގަަތަކަށް ހައްދަވައި ދެއްވައި ސަރުކާރުން މިހާރުވަނީ އެކަމުގެ މަސައްކަތް ފަށާފައެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިމަސައްކަތާއެކު ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށް މަސްރިންނާއި އޮޑިވެރިނަށް ވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރުޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ %53 މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށްދަނީ އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރު ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި 266 މީޓަރު އެއްގަމުތޮށްޓެއް ލުމާއި 160 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 1330 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި 6363.1 އަކަމީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 404 އަކަމީޓަރަށް ނެރު ފުންކުރުމާއި 12 މޫރިންބްލޮކްސް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 32.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.