ޚަބަރު

ބ.އަތޮޅުގެ 7 ރަށަކުން 50 ޓަނު ކުނި އާމްދަނީގެ ގޮތުގައި ރާއްޖެއިން ބޭރަށް


ބ.އަތޮޅުގެ 7 ރަށަކުން 50 ޓަނު ކުނި ރައްކާތެރިކަމާއެކު ބޭރުކޮށްފިއެވެ. މި ކުނިތައް ބޭރުކޮށްފައިވަނީ ރައްޔިތުން އުކާ ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި ޕްލާސްޓިކަށް ހޭލުންތެރިކޮށް އެތަކެތި ރައްކާތެރިގޮތެއްގައި ނައްތާލުމުގެ ބޭނުމުގައި ބ.އަތޮޅުގައި އޮންނަ ސޮނޭވާފުށި ރިސޯޓުން ކުރިއަށްގެންދާ "ސޮނޭވާ ނަމޫނާ " މަޝްރޫއުގެ ދަށުންނެވެ. އެ ޖަމްއިއްޔާއިން ބުނީ ރައްކާތެރިކަމާއެކު ބޭރުކޮށްފައިވަނީ ރީސައިކަލް ކުރެވޭ ބާވަތްތައްކަމަށްވާ ޕްލާސްޓިކާއި ދަގަނޑާއި ކަރުދާހުގެ ބާވަތްތައްކަމަށެވެ.

މިތަކެތި ބަންދުކޮށްފައިވަނީ ރައްކާތެރިކަމާއެކު އެއިން އެއްވެސް ވަހެއްވެސް ނުދުވާ ގޮތަށެވެ. މި ކުނިތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އާމްދަނީ ނެރެވޭނެކަމަށާއި މީގެ ކުރިންވެސް މިކަންކޮށްފައިވާ ކަމަށް ސޮނޭވާފުށި ނަމޫނާ އިން މައުލޫމާތުދެއެވެ. އެންމެ ފުރަތަމަ ޝިޕްމަންޓް ބޭރުކޮށްފައިވަނީ އިންޑިއާއަށެެވެ.

ސޮނޭވާފުށިން 2019 ވަނަ އަހަރު މި މަޝްރޫއުގެ ޕައިލެޓް ޕްރޮޖެކްޓް ފެށީ އެއަތޮޅު މާޅޮހުގައެވެ. އަދި މިހާރު މާޅޮހުގައި އީކޯ ސެންޓްރޯއެއް ހަދައި އަތޮޅުގެ 7 ރަށަކުން މިމަޝްރޫޢުގައި ބައިވެރިވުމުން މިކަމަށް ރައްޔިތުން އެދިތިބި މިންވަރު ހާމަވެގެންދެއެވެ. އަދި ކުރިމަގުގައި އަތޮޅުގެ އިތުރު ރަށްރަށްވެސް މި ކަމުގައި ބައިވެރި ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ސޮނޭވާފުށި ނަމޫނާ ޖަމްއިއްޔާގެ ރައީސާ އަޒޫރާ އަޙްމަދު ވިދާޅުވިއެވެ.

ސޮނެވާ ނަމޫނާއިން ކުރާ މަސައްކަތުގައި އިތުރު 4 ރަށެއް ބައިވެރިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެއަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ 2030ގައި ބ.އަތޮޅަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާ އަދި ކުނިން ނަފާ ނެރޭ އަތޮޅަކަށް ހެދޭނެކަމަށެވެ. މިކަން ކުރުމަށް މުޅި ރައްޔިތުންގެ ޝާމިލްވުން ބޭނުންވާކަން ފާހަގަކުރަމުން އަފްރާޙް ވިދާޅުވީ މިކަން ކާމިޔާބުކަމާއެކީ ކުރިއަށްގެންދަން ބޭނުންވާނަމަ ކުނި ކޮށްޓާ ހަމައަށް އަންނަ އިރު ނުވަތަ ކުނި ނަގަން ގެތަކަށް ދާއިރު ކުނި ވަކިކޮށްފައި ނުހުންނަނަމަ ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރަން އުނދަގޫ ވާނެކަމަށެވެ.

"ކުނީގެ ގޮތުގައި ރައްޔިތުން ވިސްނާ ވިސްނުމަށް ހައްލު ހޯދޭނެ އަދި އެކަމަށް ކައުންސިލުން މަސައްކަތްތަކެއް މިހާރުވެސް ކުރަންއެބަ އެކަމަކު އެކަން ހާސިލްވާނީ މުޅި އަތޮޅަށް އެންމެންގެ ވިސްނުން ލިބިގެން މިހާރު ކުނިކޮށީގައި ހުރި ކުނި ތަކަކީ ނަފާ ނެރެވޭނެ އެއްޗެއްސައް ހަދަންވީ އޭރުން ކުނީގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭނެ. އެވިސްނުން ކައުންސިލުން އެބަހުރި" އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ކުނިން އާމްދަނީ ނެރެވޭނެކަން ކަށަވަރުކޮށް އެކަން ކުރުމަށް ބ.އަތޮޅު މިހާރުވަނީ އަމާޒު ހިފާފައިވާއިރު މިކަމުގައި ބައިވެރި ހަތްރަށުގެ ކައުންސިލްތަކުން ވެސް ވިސްނުން ހުރީ ކުނިން ނަފާ ނެރުމަށެވެ. މިއީ އަތޮޅުގެ ރިސޯޓްތަކުން އެހީތެރިމެއް ދީފިނަމަ ނުކުރެވޭނެ މަސައްކަތެއް ނޫންކަމަށް އެމީހުން ދެކެއެވެ. އަދި މި ހަތްރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.

ސޮނެވާ ނަމޫނާއިން އަންނަނީ ފަނާވާ ޒާތުގެ ކުނިން ކޯދުހަދައި ގަސް ކާނާގެ ގޮތުގައި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.