ތިމާވެށި

"އީއައިއޭގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކުރުން މުހިއްމު"


ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގެ ކަންކަން މިހާރަށްވުރެއްވެސް ހަރުދަނާކޮށް، ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކުރުން މުހިއްމުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމުން ވިދާޅުވެއްޖެއެވެ. އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކާ ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކުރަންޖެހޭކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗް.އާރް.ސީ.އެމްގެ ނައިބު ރައީސް ޑރ.އަޙްމަދު އަދުހަމް ޢަބްދުﷲ ވިދާޅުވީ، އިންސާނީ ޙައްޤުތަކާއި، ތިމާވެށީގެ ޙައްޤުތަކަކީ މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެކަމެއްކަމަށެވެ. އަދި ރައްކާތެރި ތިމާވެށީގެ މާޙައުލެއް ޤާއިމުކޮށް، ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކޮށްދީގެން މެނުވީ އެންމެ އަސާސީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދީ ކަށަވަރުކޮށްނުދެވޭނެކަމަށް ޑރ.އަދުހަމް ވިދާޅުވިއެވެ.

އެގޮތުން ދިރިހުރުމުގެ ޙައްޤާއި، ސާފުބޯފެނާއި ރަނގަޅު ކާނާ ލިބުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ހައްޤުތައްފަދަ އެންމެ އާސާސީ ކަންކަން ފުރިހަމަކުރުމުގައި ތިމާވެށީގެ ޙައްޤުތައް ކަށަވަރުވެފައި އޮތުން މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޗް.އާރް.ސީ.އެމްގެ ނައިބު ރައީސް ވިދާޅުވީ، ތިމާވެށީގެ ހައްޤުތައް ޙިމާޔަތްކުރުމަށްޓަކާ ރާއްޖޭގައިވެސް 1993ވަނަ އަހަރު ޤާނޫނެއް އެކުލަވާލާފައިވާކަމަށެވެ. 2019ވަނަ އަހަރު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ނެރެފައިވާ ރިޕޯޓެއްގައި 1993ގައި ރާއްޖޭގައި އެކުލަވާލެވުނު މި ޤާނޫނު ބައްޓަންވެފައި އޮތީ މިހާރުގެ ޒަމާނީ ފެންވަރަށް ތިމާވެއްޓަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެ އެކަށީގެންވާގޮތަށްނޫންކަން ފާހަގަކޮށްފައިވާކަމަށް ޑރ. އަދުހަމް ވިދާޅުވިއެވެ. އަދި މި ޤާނޫނުގެ ދަށުން އެކަށީގެންވާ ޤަވާއިދުތަކެއް ރާއްޖޭގައި ހެދިފައިވީނަމަވެސް މިކަންކަން ތަންފީޒުކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ޑރ. އަދުހަމް ވިދާޅުވިއެވެ.

"މި ރިޕޯޓުގައި ރިޢާޔަތްކޮށްފައިވަނީ ހަމައެކަނި ޤާނޫނަށް. އެކަމަކު ޤާނޫނުގެ ދަށުން ހެދިފައި އެބަހުރި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގައި ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދައިދިނުމުގެ ޤަވާއިދުތައް. މި ޤަވާއިދުތަކަކީ އަސްލު ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައިހުރި ވަރަށް ތަފްޞީލީ ޤަވާއިދުތަކެއް. އެހެންވީމަ މުޅި ޤާނޫނީ އޮނިގަނޑަށް ބަލާއިރު އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޤާނޫނީ އޮނިގަނޑު އެބައޮތް، ޤަވާއިދުތައް ހެދިފައި އެބައޮތް. ތަންފީޒްކުރުމުގެ މަރުހަލާގައި އަޅުގަނޑުމެން އަދި އިތުރަށް ހަރުދަނާކުރަން މި ފެންނަނީ" ޑރ. އަދުހަމް ވިދާޅުވިއެވެ.

ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ގިނަ ޤައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައްކާއި ނޭދެވޭ އަސަރުތައްކަން ފާހަގަކުރައްވާ، އެޗް.އާރް.ސީ.އެމްގެ ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަށްވެސް މި ނުރައްކާ އެބައޮތްކަމަށެވެ.

ޚާއްސަކޮށް ތަރައްޤީއާއެކު ތިމާވެށީގެ ކަންކަމަށްދެވޭ އަހައްމިއްޔަތުކަން މިހާރަށްވުރެ ބޮޑަށް އަދިވެސް އިތުރުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ކުރިން މި ހަދާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގެ ކަންކަން ރާއްޖޭގަައިވެސް މިހާރަށްވުރެ ހަރުދަނާކޮށް، މަޝްރޫޢުތައް ނިމުމަށްފަހުވެސް ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކަކީ ކޮބާތޯ ބަލައި، ދުރާލާ ފިޔަވަޅުތައް އެޅޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން މުހިއްމުކަމަށް ޑރ. އަދުހަމް ވިދާޅުވިއެވެ.

"އީ.އައި.އޭ ރިޕޯޓްތައް ހެދުމުގައި އަޅުގަނޑުމެން މިހާރަށްވުރެ ސައިންޓިފިކް ޑޭޓާ ބޭނުންކޮށްގެން އަސްލު މިކަން ހިނގާގޮތް، ތިމާވެއްޓަށްކުރާ އަސަރު އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދެނެގަންނަންޖެހޭ. އަދި މި ރިޕޯޓް ހެދުމަކީވެސް މިހާރު ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު ވަރަށް ބަދަލުވަމުންދާ އެއްޗެއް. އެހެންވީމަ އެ އަންނަ ބަދަލުތަކާއި އިންޓަރނޭޝަނަލް ސްޓޭންޑެޑާއި އެއްގޮތަށް އެ އަޕްގްރޭޑްކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ތިމާވެއްޓާ ރަޙްމަތްތެރި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގޭނެކަމެއް" ޑރ. އަދުހަމް ވިދާޅުވިއެވެ.

ތިމާވެށީގެ ޙައްޤުތަކާގުޅުންހުރި ތަފާތު 9 މައްސަލައެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް އެޗް.އާރް.ސީ.އެމަށް ހުށަހެޅިފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މީގެ ތެރޭގައި ރަށްގިރުމާއި ގުޅުންހުރި މައްސަލަތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބިން ހުސްކުރުމަށްފަހު ބަދަލު ދިނުމުގައި ދިމާވާ އެކިއެކި މައްސަލަތައް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަށްކަށް ތިމާވެށީގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ފަންނީގޮތުންނާއި މާލީގޮތުންވެސް ގޮންޖެހުންތަކެއް ހުރިކަން އެޗް.އާރް.ސީ.އެމުން ފާހަގަކުރައްވައެވެ. މި ގޮންޖެހުންތަކުން އަރައިގަތުމުގައި ތަންފީޒީ އިދާރާތަކާއި، މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށާއި، އިންސާނީ ޙައްޤުތައް ކަށަވަރުކުރެވެން އަންނަނީ ތިމާވެށީގެ ޙައްޤުތައްވެސް ރައްކާތެރިކޮށްގެންކަން އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.