ށ.ފޭދޫގައި ކުރިޔަށްދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަންނަ އަހަރުގެ އެޕްރީލް މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.
ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.
ސަރުކާރުން ފޭދޫގައި ތަރައްގީ ކުރަމުންދާ ބަނދަރު މަޝްރޫގެ 98 އިންސައްތަ މަސައްކަށް މިހާރު ނިމިފައިވާ ކަމަށް އެމްޓިސީސީން ވަނީ ހާމަ ކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވެސް ނިމުމަކާ ކައިރިވެފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
ށ.ފޭދޫގައި މިގެ ކުރިން ބޭނުން ކުރަމުން އައި ބަނދަރު ތިލަވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލަފާފުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ވިދާޅުވިއެވެ. އަދި ރަށަށް މުދާ ގެންނަ ބޮޑެތި ބޯޓުފަހަރު ވަނުމުގައިވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އަދި އެރަށަކީ މަސްވެރިކަން ކުރާ ރަށަކަށްވެފައި، އޮޑިދޯނިފަހަރު ގިނަ ރަށަކަށްވާތީ ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ސަރުކާރުން މިހާރު އެރަށުގައި ކުރިޔަށް ގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢާއެކު އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ވިދާޅުވިއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ފޭދޫ ބަނދަރުގެ މަސައްކަތް ނިމޭއިރު ޕޭމަންޓް ލުމާއި، ނެރު ބައްތިއާއި އަދި ބަނދަރު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 380 ފޫޓު އިތުރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ނެރާއި، ބަނދަރު ފުންކުރުމުގެ މަސައްކަތަށް 27500 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 378 މިޓަރުގެ ބޭރު ތޮއްޓެއްލުމާއި 90 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ ސަރުކާރުން 33.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.