ތަޢުލީމު

ކޮއްލަވާނި ބީޗް: ފޯކައިދޫ ސްކޫލް ދަރިވަރުން ރައްޔިތުންނަށް ދިން ހިތްގައިމު ހަދިޔާއެއް


އާއިލާ އެއްކޮށް ނުވަތަ ރައްޓެހިން އެއްތަނަކަށް އެއްވެލާ، ހިތްގައިމު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެފަދަ ތަންތަން ރާއްޖޭގެ ރަށްރަށުގައި ތަރައްޤީކުރުމަކީ ފަހަކަށް އައިސް ވަރަށް ގިނަ ރަށްރަށުން ފެންނަ މަންޒަރެކެވެ.

ޕިކްނިކް ސަރަހައްދެއް، ބާބަކިޔު އޭރިއާއެއް ނުވަތަ ބީޗު ސަރަހައްދެއް ތަރައްޤީކޮށްފައި ނެތް ރަށެއް މިހާރު މަދުވާނޭ ބުނުމަކުންވެސް މުޅިން ދޮގަކަށްނުވާނެއެވެ. މިފަދަ އެއް ރަށަކީ ށ.ފޯކައިދޫއެވެ. އާއްމުކޮށް މިފަދަ ތަންތަން ތަރައްޤީކޮށްދެނީ ކުންފުނިތަކުން ރަށްރަށުގައި ހިންގާ ކޮމިއުނިޓީ ޕްރޮގްރާމްތަކާއި، ރަށްރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ނުވަތަ ޒުވާނުންކޮޅެއް އެއްވެލައިގެންނެވެ. ނަމަވެސް ފޯކައިދޫގައި އަލަށް ތަރައްޤީކުރި ބީޗު ސަރަޙައްދުގެ މަސައްކަތް ކޮށްފައި މިވަނީ އެރަށު ސްކޫލުގެ ދަރިވަރުންތަކެކެވެ.

ފޯކައިދޫގައި ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ތަރައްޤީކުރި ސަރަޙައްދަށް ދީފައިވާ ނަމަކީ "ކޮއްލަވާނި ބީޗް" މި ނަމެވެ. މިއީ ފޯކައިދޫ ސްކޫލްގެ ކީ-ސްޓޭޖް 1 އަދި 2 ގެ ދަރިވަރުން މިހާރު ކިޔަވަމުންދާ މައިކޮމިއުނިޓީ ތީމްގެ ގެ ދަށުން އެރަށުގައި ތަރައްޤީކުރި ސަރަޙައްދެކެވެ.

މި ތީމްގެ ދަށުން ދަރިވަރުންވަނީ މުޖުތަމަޢަށް ފައިދާކުރާ މަސައްކަތްތައް ކުރާ ފަރާތްތަކަކީ ކޮބައިކަމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތުން މުޖުތަމަޢަށް ފައިދާ ކުރަނީ ކޮންގޮތަކުންކަން ދެނެގަނެ އަދި މުޖުތަމައުގައި އެކުދިންގެ ދައުރާއި، ކަންކަމުގައި އިސްނަގައި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ މުހިންމުކަން ދެނެގަނެފައެވެ. އަދި މުޖުތަމަޢުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާޢަތްތަކާ އިންޓަވިއުކޮށް އެފަރާތްތަކުން ކުރާ މަސައްކަތްކައް ހޯދާ މުޖުތަމަޢަށް އެކަންކަމުން ކުރާ ފައިދާތައް ދެނެގަނެ، މުސްތަޤުބަލުގައި މުޖުތަމަޢަށް އެހީވުމުގެގޮތުން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް ކުރެވިދާނެ ކަންކަން ދަރިވަރުން ވަނީ ލިސްޓުކޮށްފައެވެ.

އެގޮތުން ފޯކައިދޫގައި ޕިކްނިކް ދާން ޚާއްސަ ސަރަޙައްދެއް ތަރައްޤީކޮށްފައިވަނީ މައިކޮމިއުނިޓީ ތީމްގެ ދަށުން ދަރިވަރުން ދަސްކުރި ބައިތަކުން، މުޖުތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރުމުގެ މަޤްޞަދުގައި ކަމަށް ފޯކައިދޫ ސްކޫލުން މަޢުލޫމާތުދެއެވެ.

މި ބީޗު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެ ސްކޫލުގެ ގުރޭޑް 1 އިން 6 ދެމެދު (ކީސްޓޭޖް 1 އަދި 2) ދަރިވަރުންނެވެ. އަދި މި މަސައްކަތުގައި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދަރިވަރުންގެ ބެލެނިވެރިންނާއި ޓީޗަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، މި ޕިކްނިކް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގައި މުޅިންހެން ބޭނުންކޮށްފައިވަނީ ރީ-ސައިކަލްކޮށްގެން ބޭނުންކޮށްފައިވާ ތަކެތިކަމަށެވެ. އެގޮތުން ގޭގޭގައި ބޭނުންކޮށްފައި ހުރި ބާވެ ހަލާކުވެފައިވާ އެނދާއި، މޭޒު، އަދި ޖޯލިފަތިފަދަ އެއްޗެތި މަރާމާތުކޮށްގެން ބޭނުންކޮށްފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. މި ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ދަރިވަރުންކޮށްފައިވަނީ ޓީމްތަކަކަށް ބަހާލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ސަރަޙައްދު ކުރިން ވަރަށް ހަޑިކޮށް އޮތީ. އަޅުގަނޑުމެން އެކި ކްލާސްތައް އެކި ސަރަޙައްދުތަކަކަށް ޓީމްތަކެއް ގޮތަށް ބަހާލައިގެން ސާފުކޮށް އެތަން ތަރައްޤީކުރުމުގެ މަސައްކަތްކުރީ. ތަކެތި އަޅުގަނޑު ހުޅުވާލީ ޕޭރެންޓުންނަށް ގޭގައި ބޭނުންކޮށްފައި ހުރި މިހާރު އުކާލަން ނޫނިއްޔާ ބޭނުންނުކުރާތަކެތި ރަނގަޅަށް މަރާމާތުކޮށްލައިގެން އެ ބީޗުގައި ބޭނުންކުރެވޭ ކަހަލަ. މިސާލަކަށް އަށި، އެނދު، ގޮނޑި، މޭޒު ކަހަލަ އެއްޗެތި. އެތަކެތި ހަމަގެނެސްގެން ކުދިން ސަތަރިޖެހުމާއި ޖޯލިފަދަ އެއްޗެތި ގެތުމާއި އެކަހަލަ ކަންކަން ކުދިން ހަމަކުރީ" މަތީން ވިދާޅުވިއެވެ.

މި ޕާކުގައި އެކި އުމުރުފުރާގެ މީހުންނަށް ބޭނުންކުރެވޭނެހެން އަށިތަކާއި، އުނދޯލިތަކާއި ޖޯލި ވަނީ ބަހައްޓާފައެވެ. އަދި ބާބަކިއު ހެދުމަށް ޚާއްސަ ސްޓޭންޑެއްވެސް ބަހައްޓާފައިވެއެވެ.

މަތީން ވިދާޅުވީ، ކޮއްލަވާނީ ބީޗަކީ ވަރަށް ކުޑަ ޚަރަދަކުން ކޮށްފައިވާ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ 2 ހަފްތާގެ ތެރޭގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމަކީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަރަށް ކުރަން ބޭނުންވެފައިއޮތްކަމެއްކަމުން، ސްކޫލުން މި ނެގި އިސްނެގުމަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނުކަން މަތީން ފާހަގަކުރެއްވިއެވެ.

ފޯކައިދޫގައި އަލަށް ތަރައްޤީކުރި ޕިކްނިކް ސަރަހައްދަށް "ކޮއްލަވާނި ބީޗް" މި ނަން ދީފައިވަނީ އެ ސަރަޙައްދުގެ މޫދާ ގުޅިގެން އޮންނަ ކަނޑޫފަލަށް ރަށު މީހުން ކިޔާ އުޅޭ ނަންކަމަށްވާ "ކޮށްލަވާނި ކަނޑޫފާ" މި ނަމާއި ގުޅިގެންނެވެ. މިފަދަ ކަމެއް ދަރިވަރުން ލައްވާ ކުރުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެކުދިންގެ ކިބައިގައި ކަންކަމަށް އިސްނެގުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމުގެ ރޫޙު އާލާކޮށް، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުން ކަމަށް މަތީން ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއީ އެ ސްކޫލުގެ ދަރިވަރުން ވަރަށް ޖޯޝާއި ފޯރީގައި ރަށުގެ ރައްޔިތުންނަށްޓަކާ ކޮށްދިން މަސައްކަތެއްކަމަށާއި، މުޅި މުޖުތަމަޢަށް ދިން ހަދިޔާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބީޗަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި މަޤުބޫލުކަމެއް ލިބިފައިވާކަމަށް ފޯކައިދޫ ސްކޫލުން ވިދާޅުވެއެވެ.