ޚަބަރު

ހޮޅުދޫ މޭނާ ސްކޫލުގެ 4 ބުރީގެ އައު އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި


  • އެއްބަސްވުމުގައި ސޮއިކުރީ، ރައީސް ރަށުގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި

  • މިއީ 17 ކްލާސްރޫމްގެ އިމާރާތެއް

  • އެހެނިހެން ގިނަ ފެސިލިޓީތައް ހިމެނޭނެ

ނ. ހޮޅުދޫ މޭނާ ސްކޫލްގެ 4 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހޮޅުދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައުދީއެވެ.

17 ކްލާސްރޫމާއެކު ތަރައްޤީކުރާ މި އިމާރާތްވެގެންދާނީ، ސްކޫލުގެ ކިޔެވުން އެއް ކެމްޕަހަކަށް ބަދަލުވުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ތަރައްޤީކުރާ އިމާރާތަކަށްކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. ހޮޅުދޫގައި މިވަގުތު ޕްރައިމަރީ އަދި ސެކްނަޑްރީ ގްރޭޑްތަކަށް ކިޔަވައިދެނީ، ރަށުގެ ދެކޮޅުގައި ވަކިން އިންނަ ދެ ސްކޫލެއްގައެވެ. އެރަށުގައި ގްރޭޑް 1-5އަށް އެއް ސްކޫލްގައި ކިޔަވައިދެމުންދާއިރު ދެން ހިމެނޭ ގްރޭށްތަކަށް ކިޔަވައިދެނީ އަނެއް ސްކޫލްގައެވެ. މިކަމުގެ ދަތިކަން ދަރިވަރުންނާ މުދައްރިސުން އަދި ބެލެނިވެރިންނާ ދަރިވަރުންނަށްވެސް ކުރިމަތިވެއެވެ.

އާ އިމާރާތުގައި ކްލާސްރޫމްތަކުގެ އިތުރުން، އޮފީސް، އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައާއި ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، އޭ-ވީ ރޫމް، ލެބޯޓްރީ އަދި ނަމާދު ކޮޓަރިވެސް ހިމެނޭނެއެވެ. މީގެއިތުރުން ކުޅިވަރުކުރުމަށް ފުޓްބޯލް ޕިޗެއްވެސް ހިމެނޭނެކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އާ އިމާރާތާއެކު ހުރިހާ ގްރޭޑްތަކުގެ ކިޔެވުން އެއް އިމާރާތަކަށް ބަދަލުކޮށް، މިހާރު ކުރިމަރިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވާނެކަމަށް އެ ސްކޫލުން ހާމަކުރެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 470 ދުވަހުން ނިންމާގޮތަށް، 33.7 މިލިޔަން ރުފިޔާއަށެވެ.