މިއަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ހުރިހާ ދަރިވަރުންނާވެސް މިއަދު ވަނީ ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.
ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ނިންމާލާ ރިޕޯޓްފޯމް ދީފައިވާއިރު ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގައެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ނުވަދިހާ ހާހެއްހާ ދަރިވަރުން ކިޔަވައެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި %21 މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރެއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލުވާނެއެވެ. އެގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.