ކޯވިޑް-19

ކޯވިޑަށް ފަރުވާދެމުންދިޔަ 3 މަހުގެ ކުއްޖެއް ނިޔާވެއްޖެ


ގދ. ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 3 މަހުގެ ކުއްޖެއް ނިޔާވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 3 މަހުގެ ފިރިހެން ކުއްޖަކު ނިޔާވެފައިވާކަމަށެވެ. އެ ކުއްޖާ ނިޔާވީ، ހާލުދެރަވެގެން ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއީ ކޯވިޑް ބަލީގައި ތިނަދޫއިން ރިކޯޑްކުރި 6 ވަނަ މަރެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް މި ބަލީގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން އުމުރުން 10 އަހަރުގެ ކުއްޖަކު މި ބަލީގައި ރާއްޖޭގައި ވަނީ ނިޔާވެފައެވެ. ތިނަދޫއިން ނިޔާވި ކުއްޖާއާއެކު، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 239އަށް އަރާފައެވެ.

ތިނަދޫގައި މިވަގުތުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި 16 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މި އެންމެންނަށް ފަރުވާދެމުންދަނީ ގޭގައި ބައިތިއްބައިގެންކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.