ޚަބަރު

މުލީގެ ކަންޒުކަހަނބު ފެންގަނޑު ސަރައްދުގައި ނޭޗަރ ޕާރކެއް ތަރައްޤީކުރަނީ


  • މިއީ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެ ކަމެއް

މ. މުލީގައި ނޭޗަރ ޕާރކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ. އެރަށު ކައުންސިލުން ވަނީ މުލީ ކަންޒުކަހަނބު ފެންގަނޑު އޮންނަ ސަރައްދުގައި ނޭޗާރ ޕާރކް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

މުލީ ކައުންސިލުން ވިދާޅުވީ މި ނޭޗާރ ޕާރކް ތަރައްޤީކުރަން ޖެހެނީ ކައުންސިލުން ދޭ މަޢުލޫމާތާ ކުރެހުމާއި އެއްގޮތައް ކަމަށެވެ. ނޭޗަރ ޕާކް ތަރައްޤީކުރުމަށް އެ ފެންގަނޑު އިތުރު ކޮނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯކްވޭއެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

މ. މުލީ ކަންޒުކަހަނބު ފެންގަނޑު އޮތް ސަރައްދުގައި ނޭޗާރ ޕާރކް ތަރައްޤީވެގެން ދިއުމުން ރަށަށް އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެ ކަމަށް ކައުންސިލުން ދެކެއެވެ. ދުނިޔެއިން ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ، ކަންޒުކަހަނބު މިހާރު އުޅޭ ކަމަށް މައުލޫމާތު ލިބެނީ ކ. ކާށިދޫ، މ. މުލި، ހދ. ކުނބުރުދޫގައެވެ. ކަންޒުކަހަނބުގެ ނަސްލު ނެތި ހިނގައިދާނެތީ ދިވެހި ސަރުކާރުން މިހާރު މިވަނީ ހިމާޔަތްދޭ ދިރޭތަކެތީގެ ލިސްޓްގައި ހިމަނާފައެވެ.