ކޯވިޑް-19

އިތުރު 1،300އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 1،300 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 350،700އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު 1،311 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 525 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 786 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 350،739 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުރާސްފަތި ދުވަހު 110 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 72 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 38 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 393،611 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް ދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.