ތަރައްްޤީ

"ހަ ލައްކަ ރުފިޔާ އަރާފައިވާކަމަށް ބުނެ ދައުރުކުރަނީ ފޭކު ބިލެއް"


ހިޔާ ފްލެޓެއްގެ ފެން ބިލަށް 6 ލައްކަ ރުފިޔާ އަރާފައިވާކަމަށްބުނެ ދައުރުވަމުންދަނީ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ފޮނުވާފައިވާ ބިލެއް ނޫންކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 7000 ހައުސިންގ ފްލެޓްތަކުގެ ތެރެއިން، ފްލެޓް ލިބިފައިވާ ފަރާތުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް، ބިލް ކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށެވެ. އެހެންނަމަވެސް ފެން ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަން ފާހަގަކުރެވޭނަމަ، އެ ފްލެޓެއްގެ ވެރިފަރާތާއި ގުޅާ އެކަން އެފަރާތުގެ ސަމާލުކަމަށް ގެންނަމުންދާކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ރީޑިންގ ނަގައި، ބިލް ކުރަން ފަށާފައިވީނަމަވެސް، އާދަޔާ ޚިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލް ކޮށްފައިނުވާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު މީޑިއާގައި ދައުރުވަމުން އަންނަ 6 ލައްކަ ރުފިޔާގެ ފެން ބިލު ކަމަށް ބުނާ ބިލަކީ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ފޮނުވާފައިވާ ބިލެއް ނޫންކަން އެކުންފުނިން ހާމަކުރައްވާފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާތީ، އެކަން ބަލަމުންދާކަމަށް އެމް.ޑަބްލިޔު.އެސް.ސީން މީގެ ކުރިން އެކުންފުނިން ވިދާޅުވެފައިވެއެވެ. އެގޮތުން ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ފެން ބިލު ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާއި، ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަން ދެނެގަނެ، ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، ފެންބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާޓްމަންޓްތަކުންނާއި ގޭގެ ފެން ވައަރިން، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުންވެސް އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެއްލެވުމަށް ސަމާލުކަން ދެއްވުމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފްލެޓްގެ ވޭލްވްތަކާއި އިސްކުރުތައް ރަނގަޅަށް ބާރުކޮށް، އަމިއްލައަށް މީޓަރު އެނބުރޭތޯ ބަލާ، ފެން ލީކެއް އުޅޭކަން ޔަޤީންކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައްވެސް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.