ޚަބަރު

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ތަރައްޤީ: އުތީމުގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު މަޝްރޫޢެއް


އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަކީ ރަށުގެ ރައްޔިތުންނަށް މުހިންމު ބިނާއެކެވެ. މި ބިނާ ރަށުގައި ތަޢުލީމު ދިނުމަށްވެސް މީގެކުރިން ބޭނުންކުރިއެވެ. އަދި ޖަލްސާތަކާއި އިޖުތިމާއީ އެކި އެއްވުންތައްވެސް މަރުކަޒުގައި ބާއްވަމުން އާދެއެވެ. ރަށްރަށުގައި ހުރި އާސަރީ ތަންތަނުން ރަށަށް މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތުގައި ސަރުކާރުން މިހާރުދަނީ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ބިނާއަށް 34އަހަރުވަނީ ވެފައެވެ.

އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ، އެކަމަޑޭޝަން ބްލޮކްތަކުގެ ހުރިހާ މަސައްކަތްތައް ނިންމާ އަންނަ އަހަރު ކުރީކޮޅު ޚިދުމަތަށް ދޫކުރަން ފަށާނެކަމަށް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވެއެވެ.

އޭރުގެ ސަރުކާރުން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރީ 1986ވަނަ އަހަރުއެވެ. މަރުކަޒުގައި، އުތީމު ގަނޑުވަރާއި މަރުކަޒު ބެލެހެއްޓުމަށް އިދާރީ އޮފީހަކާއި، އެކި ކަންކަމަށް ބޭނުންކުރުމަށް ހޯލަކާއި، ފާޚާނައާއި، އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ކްލާސްރޫމްތައް ހިމެނެއެވެ. ގިނަ އަހަރުތަކެއްވަންދެން އުތީމުގައި ތަޢުލީމުދެމުން އައިސްފައިވަނީވެސް ހަނދާނީ މަރުކަޒުގައެވެ.

ސަރުކާރުން މިވަނީ އުތީމު ހަނދާނީ މަރުކަޒު ތަރައްޤީކުރުމުގެ ޚާއްސަ ޕްލޭނެއް އެކުލަވާލާ އެކަމަށް މަސައްކަތް ފަށާފައެވެ. ފުރަތަމަ ފިޔަވަހީގެދަށުން ކުރީގެ އެކަމަޑޭޝަން ބްލޮކް، އަލުން މަރާމާތުކޮށް ޒަމާނީ އެކަމަޑޭޝަން ބްލޮކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތަކީ ރަށްރަށުގައި ހުރި އާސާރީ ތަންތަނުން ރަށަށް މަންފާ ލިބޭނެ ގޮތް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރަމުން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އެސިސްޓަންޓް ޑިރެކްޓަރ އަލީ ސިފާމު ވިދާޅުވީ އެކަމަޑޭޝަން ބްލޮކްގެ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމާ، އެތެރެއަށް ބޭނުންވާ ފަރުނީޗަރާއި އިލެކްޓްރޯނިކް ސަމާނު ހޯދުމަށްވެސް މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އެކަމަޑޭޝަން ބްލޮކްގައި ހިމެނެނީ 4 ކޮޓަރިއާ، 5 ފާޚާނައާއި، ބަދިގެއާއި ކޮރިޑޯ އޭރިއާއެކެވެ. އަލީ ސިފާމު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ބްލޮކްގެ ހުރިހާ މަސައްކަތްތައް ނިމޭނެކަމަށާއި، އުއްމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ދޭން ފެށުންކަމަށެވެ.

"ބޭނުންވާ ސާމާނު ހަމަކޮށް އެކަމަޑޭޝަން ބްލޮކް މުޅިން ފުރިހަމަވާނެ މިއަހަރުގެ ނިޔަލަށް. ޓަރގެޓަކީ އަންނަ އަހަރުގެ ކުރީކޮޅަށް ޚިދުމަތް ފެށުން. މީގެއިތުރުން އާއްމު ފާޚާނާ ބަރިއެއްވެސް އެބަ ހަދަން. މިމަހު މަސައްކަތްނިމި، އަންނަ މަހު ޚިދުމަތް ދެވޭނެ." އަލީ ސިފާމު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރުމުގެ ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ އާއްމު ޙާލަތު އިތުރަށް ރަނގަޅުވެ، ރަށަށް ވަންނަ އާމްދަނީ އިތުރުވުމަށް ބާރަކަށްވާނެ ކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

"މިއާއެކު އާ ވަޒީފާތައް އުފެދުމަށް މަގުފަހިވާނެ. އަދި ރަށަށް މީހުން އަރާ މިންވަރު އިތުރުވާވަރަކަށް، ރަށުގެ އެހެން ވިޔަފާރިތަކަށްވެސް އޭގެ ފައިދާ ކުރާނެ. އުމްރާނީ އިތުރު ކުރިއެރުންތައްވެސް ރަށަށް އަންނާނެ." ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ބީއެމްސީގެ އެސިސްޓަންޓް ޑިރެކްޓަރ ވިދާޅުވީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތްތައް އެކި އަހަރުތަކަށް ބަހާލާފައިވާކަމަށެވެ. އެގޮތުން ކުރިއަށްހުރި މަސައްކަތްތަކުގެ ތެރޭގައި، އުތީމުގައިހުރި އާސާރީ ތަކެތި ދައްކާލުމަށް މަރުކަޒުގައި މިއުޒިއަމެއް ހެދުމާއި، ސްވެނިއަރ ފިހާރައާއި، ކެފޭއަކާއި ލައިބްރަރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

އުތީމަކީ އާބާދީގައި ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ޒިޔާރަތްކުރާއިރު، ހަމައެކަނި ގަނޑުވަރު ބަލާލަން އަހަރުގެ އެވަރެޖްކޮށް 6000އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ.