ކޯވިޑް-19

ޢަދަދުތައް ދާދިއެއްވަރެއްގައި، ކޯވިޑަށް މިއަދު ޕޮޒިޓިވްވީ 83 މީހުން


ރާއްޖެއިން އިތުރު 83 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 85،500 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 83 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 54 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 85،548 އަށް އަރާފައެވެ. ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،237 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 110 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،064 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،147 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 234 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.