ސިޔާސީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ޝާހިދަށް އަރުވައިފި


ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދަށް މި ލަޤަބު އަރުވާފައިވަނީ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް މި ލަޤަބު އަރުވާފައިވަނީ އެމަނިކުފާނު ދިވެހި ޤައުމަށް، ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރާއްޖެއާއި އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ޤަދަރާއި ހައިބަތު އުފުއްލެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވުމުގެގޮތުންނެވެ.

ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްޢަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ މިނިސްޓަރ ޝާހިދުގެ 6 ވަނަ ކާފާފުޅު އައްޞުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިވެހިރާއްޖެއަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރައްވާ، އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

"ސަރުކާރުން މަސައްކަތްކުރަމުން މިއަންނަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް. ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. އަދި އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައިވެސް އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ. އަދި އެމަނިކުފާނު އެ މަޤާމުގެ ހުވާކުރައްވާފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޙަރިޖީ ދާއިރާއާއި ގުޅިވަޑައިގަތީ ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި 1983 ވަނަ އަހަރެވެ. އެމަނިކުފާނު ވަނީ 1987 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާއި ހަމައަށް އދ.ގެ ހުރިހާ ޢާންމު މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެން، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެއްވެސް ވަރުބަލިކަމެއް ނެތި ވަކާލާތުކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޤައުމުތަކަށް މާލީގޮތުންނާއި، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ގޮތުން ކުރިމަތިވާ ތަފާތު ގޮންޖެހުންތައް އދ.ގެ ސަމާލުކަމަށް ގެނައުމުގައި މިނިސްޓަރ ޝާހިދުގެ ދައުރު ބޮޑެވެ.