ޚަބަރު

ޕޮޒިޓިވް އަދަދު 100އިން ދަށުގައި، އަތޮޅުތަކުން މަދު ކޭސްތަކެއް


ކޯވިޑް-19އަށް އިތުރު 61 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 61 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 24 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 84،164އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، މާލެ ސަރަޙައްދަށްވުރެ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި މިވަގުތު ކޯވިޑަށް ޕޮޒިޓިވް 1612 މީހުން އެބަތިއްބެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 101 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް މިބަލިޖެހުނު މީހުންގެ ތެރެއިން ޖުމްލަ 82309 މީހުންވަނީ ބަލިން އެއްކޮށް ރަނގަޅުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3674 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.