އާސެނަލްއަށް ކުޅެން އެ ކުލަބުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ފްރާންސްގެ ތިއެރީގެ އޮންރީގެ ނަންބަރު ނެގިޔަސް، އޭނާ އާސެނަލްގައި ހޯދި ކާމިޔާބީތަކާ މެދު ވިސްނުމެއް ނެތް ކަމަށް އެ ކުލަބުގެ އައު ފޯވާޑް ވިކްޓަރ ޔޯކެރެޝް ބުނެފިއެވެ.
ސްވިޑްންގެ 27 އަހަރުގެ ފޯވަޑް ބުނީ އާސެނަލްގައި އޭނާ އަށް އިހްތިޔާރު ކުރަން ލިބުނީ ވަރަށް މަދު ނަންބަރެއް ކަމަށެވެ.
"މާގިނަ ނަންބަރުތަކެއް އަހަރެންނަށް ނުލިބުނު ނަގާކަށް. ވަރަށް މަދު ނަންބަރެއް ހުސްކޮށް ހުރީ. 14 ނަންބަރުގެ ތާރީހް އަހަރެންނަށް އެނގޭ. އެ ޖާޒީގައި ތިއޭރީ އޮންރީ ކުރި ކަންކަމާމެދު އަހަރެން ނުވިސްނަން. އަދި އޭނާގެ ކާމިޔާބީތަކާއާ އަރާ ހަމަކުރާކަށް ވެސް ނުވިސްނަން. އަހަރެން ވިސްނަނީ އަހަރެންގެ އަމިއްލަ ސޮފުހާއެއް ލިޔަން،" ޔޯކެރެޝް ބުންޏެވެ.
އާސެނަލްގައި އޮންރީ ވަނީ 377 މެޗުން 228 ގޯލު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށް، ތިން ފަހަރު އެފްއޭކަޕް ކާމިޔާބުކޮށް ހަތަރު ފަހަރު ޕްރެމިއާ ލީގުގެ ރަން ބޫޓު ހާސިލްކޮށްފަ އެވެ.
ޔޯކެރެޝް އާސެނަލް އަށް ގެނައީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް އެ ކުލަބުން ދެކެމުން އަންނަ ހުވެފަން ހަގީގަތަކަށް ހެދުމަށެވެ.
"އާސެނަލް އަށް އަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވި. މި ކުލަބަކީ ބޮޑު ކުލަބެއް. އަހަރެންނަށް ކޯޗު ވެސް ކަމުދޭ. ކުލަބުގެ ތާރީހު އެނގޭ. މި ކުލަބުގައި އޮތީ ވަރަށް މުއްސަނދި ތާރީހެއް. އަނެއްކާ އެ މީހުން އަހަރެން މި ކުލަބުގައި ހުންނަން ބޭނުންވޭ. މިހެންވެ އާސެނަލް އިހްތިޔާރު ކުރުންވީ ވަރަށް ފަސޭހަ ކަމަކަށް. އަހަރެން މި ހުރީ ކުރި އަށް ދާން ތައްޔާރަށް" ޔޯކެރެޝް ބުންޏެވެ.
އޭނާ ވަނީ ޕޯޗުގަލްގެ ސްޕޯޓިން ކުލަބުގައި 102 މެޗުން 9 ގޯލު ޖަހައިފަ އެވެ. މިހެންވެ ކޯޗު މިކޭލް އާޓެޓާ ބުނީ ޔޯކެރެޝް އަކީ އޭނާގެ ޓީމު ފުރިހަމަ ކުރަން ލިބުނު ވަރަށް އަގުހުރި ހަދިޔާ އެއް ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ ޔޯކެރެޝް އާސެނަލް ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކައި ސަޕޯޓަރުން އުފާ ކޮށްދޭނެ ކަމަށެވެ.
އާސެނަލް އަކީ ހުސްވި ތިން ސީޒަނުގައި ވެސް ޕްރެމިއާ ލީގުގެ ދެ ވަނަ ހޯދި ކުލަބެވެ. މިހެންވެ އެ ޓީމުން މަސައްކަތް ކުރަނީ ޗެމްޕިއަންކަން ހޯދުމަސް ކުރަމުން އަންނަ އުއްމީދު މި ސީޒަނުގައި ހާސިލް ކުރުމަށެވެ. މި ގޮތުން ޓީމު ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފަ އެވެ.