ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް ފިއްތުންތައް ކުރިމަތިކުރުވުގެ މަޤްޞަދުގައި ޣައްޒާގެ އިތުރު ސަރަޙައްދުތައް ފޭރިގަންނާނެ ކަމުގެ އިންޒާރު ޔަހޫދީ ވަޒީރަކު ދީފިއެވެ. ޔަހޫދީން އެގޮތަށް އަމަލުކޮށްފިނަމަ ފަަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ޔަހޫދީންގެ ވަޒީރެއް ކަމަށްވާ ޒީވް އެލްކިން މި ފަދަ މޭރުމަކުން ވާހަކަދައްކާފައި މި ވަނީ ޣައްޒާއަށް ކުރިމަތިވެފައިވާ ހިތްދަތި ޙާލަތު ރަނގަޅު ކުރުމަށް ޔަހޫދީން ފިޔަވަޅެއް ނާޅައިނަމަ އަދި ޙަމާސްއާއެކު ޢުދުވާން ހުއްޓާލުމާގުޅޭ އެއްބަސްވުަމަކާ ހަމައަށް ނާންނަނަމަ، އަންނަ ސެޕްޓެމްބަރު މަހު ފަލަސްޠީނަކީި މިނިވަން ދައުލަތެެއް ކަމަށް ބަލައިގަންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފައި ވަނިކޮށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފަރަންސޭސިވިލާތުން ވެސް ވަނީ ފަަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލައިގަންނާނެ ކަމަށް ބުނެފައެވެ. މިޞްރާއި ޤަޠަރާއި ޢަރަބި ލީގުގެ ތާއީދާއެކު ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ އިޒްރޭލާ އެކު ފަލަސްތީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ތަންފީޒު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ޤަރާރެއް ނެރެފައެވެ.
ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަދި ޔަހޫދީން ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްއަޤްވާމީ ދުނިޔޭގެ ފަރާތުން ޔަހޫދީންނަށް ކުރިމަތިވަމުންދާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލްއާއްމުގައި މިހާތަނަށް ޣައްޒާގެ 60،000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ފާއިތުވި ހަފްތާތަކުގައި ބަނޑަށް ޖެހުމުގެ ސަބަބުން ވެސް، ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭހެން 130އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ކާބޯތަކެއްޗާއި އެހީގެ ސާމާނު ހޯދުމަށް ޔަހޫދީންނާ ގުޅުންހުރި އެހީ ބަހާ މަރުކަޒުތަކަށް ދާ މީހުން ވެސް ޔަހޫދީން ދަނީ ކަތިލަމުންނެވެ.
ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެންމެ ފަހުން ކުރި މަޝްވަރާތަކުގައި މަސައްކަތްކޮށްފައި ވަނީ 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑާލައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އެ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި ޙާލަތުގައި ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ރަމްޒީ ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރި ނަމަވެސް ޣައްޒާގެ ރައްޔިތުންގެ އުއްމީދަކީ އެ ނިންމުންތަކުގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން ޣައްޒާއާމެދު ދެކޭ ގޮތަށް ބޮޑެތި އެދެވޭ ބަދަލުތައް އައުމެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ޤައުމުގެ ރައްޔިތުންނަށް އަނިޔާތައް ދީ ޝަހީދުކުރަމުންދާތާ 70 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މުޅި ދުނިޔެ އެ މަންޒަރު ބަލަމުންދިޔަ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.