އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންކަމަށް އޮޓްޕްސީ ރިޕޯޓާ ހަވާލާދީ ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ޙިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށާއި މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ޢަބްދުއްރަޙްމާނުގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ގެންދިޔައީ މިމަހުގެ 21ވަނަ ދުވަހުގައެވެ.
ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.