ޚަބަރު

ކޯވިޑް ކޭސްތަކުގެ އަދަދު 100އިން ދަށަށް


ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޯވިޑް19އަށް ޕޮޒިޓިވްވެފައިވަނީ 82 މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މި އަދަދު މިހާބޮޑަށް ދަށްވީ، އޭގެ ކުރީ ދުވަހު ކޭސްތަކުގެ އަދަދު 160އިން މަތީގައި ހުރުމަށްފަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފައިތުވި 24ގަޑިއިރުތެރޭ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 82 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 47 މީހުންނެވެ. އަދި ރިސޯޓްތަކުން 6 މީހުން ޕޮޒިޓިވްވިފައިވާއިރު ސަފާރީތަކުންވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 83،576އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1663މީހުންނެވެ. މި މީހުންގެ ތެރެއިން 21 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 127 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،671 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4698 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 229 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ.