ސިޔާސީ

ރައްޔިތުންގެ މެދުގައި ފުލުހުންނާމެދު އޮތް އިތުބާރު ދަނީ ބޮޑުވަމުން: ރައީސް


ފުލުހުންގެ ޚިދުމަތް ރީފޯމްކުރުމަށްކުރާ މަސައްކަތާއެކު، ފުލުހުންގެ ޚިދުމަތަށް މީހުންކުރާ އިތުބާރު ބޮޑުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރ. އަލިފުށީ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ، އެތަނުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އަލިފުށީ ޕޮލިސް ސްޓޭޝަނުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފުލުހުންގެ ޚިދުމަތް ރިފޯމުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފުލުހުންގެ ޚިދުމަތަށް މީހުންކުރާ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ އެންމެ މުހިންމު އެއްބަޔަކަށްވާއިރު އެއްވެސް ފަރުދަކަށް ތަފާތުކުރުމެއް ނެތި ޤާނޫނު ތަންފީޒުކުރުމުގައި ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޑިސެންޓަރަލައިޒްކޮށް ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ލިބިގެންދާނެ ކުރިއެރުންތަކާއި ފައިދާތައް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރިޔަށްރޭވިހުރިގޮތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަމަށް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ އިސްވެރިންވަނީ ފުލުހުންގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާކަންކަމާއި ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފުލުހުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމުގެ ދަތިކަމާއި އިންސާނީ ވަޞީލަތްތަކުގެ ދަތިކަމާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަރާމާތަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީގެ ބޯޓްޔާޑްތައް ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައި 4 ބޯޓުޔާޑެއް ބައްލަވާލައްވައި އެތަންތަނުން މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުންނާއި ދިމާވާ ދަތިތަކާބެހޭގޮތުން އެތަންތަނުގެ އިސްފަރާތްތަކާ ހިޔާލުބަދަލުކޮށްލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީ ފުޓުބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަލިފުށީ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނިމި މިހާރުކުރިޔަށްދަނީ އެތަން ނިންމުމުގެ ގޮތުންކުރާ އެންމެފަހުގެ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. އަލިފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.