ތިމާވެށި

ކަނެކްޓިވިޓީ ބްރިޖާއެކު ކުނި މެނޭޖްކުރުމަށް ކުރާ ޚަރަދުވެސް ކުޑަކުރެވޭނެ: މިނިސްޓަރ ޝައުނާ


ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖާއެކު މި ސަރަޙައްދުގައި ކުނި މެނޭޖްކުރުމަށް ކުރާ ޚަރަދުވެސް ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ބްރިޖު މަޝްރޫޢުގައި ކޮންޓްރެކްޓަރާއެކު ދިވެހި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާއިރު، މިއީ ސަރުކާރުން މާލޭ ސަރަޙައްދުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢެވެ.

މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅު ކަނެކްޓިވިޓީ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢު ޑިޒަައިންކޮށްފައިވާގޮތަށް ބަލާއިރު، 6.7 ކިލޯމީޓަރުގެ މި ބްރިޖު މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާނީ 3 ނެވިގޭޝަނަލް ބްރިޖާއި، ކޯސްވޭތަކެއްގެ އިތުރުން މެރިން ވިއަރޑަކްޓް ބޭނުންކޮށްގެންނެވެ. މިއީ ތިމާވެއްޓާއި ރަށްޓެހި ހަމައެހެންމެ ޒަމާނީ ތަރައްޤީގެ ކުލަވަރު ފެނިގެންދާނެ ހިތްގައިމު ބްރިޖެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢާއެކު މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބެއް ގެނުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢާއެކު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުމުގެ އިތުރަށް އެހެނިހެން ބައެއް ދާއިރާތަކާއި ސިނާޢަތްތަކަށްވެސް ސީދާގޮތުންނާއި ނުސީދާގޮތުންވެސް މަންފާކުރާނެއެވެ. އޭގެތެރެއިން އެއް ދާއިރާއަކީ ކުނި މެނޭޖްކުރުމުގެ ދާއިރާއެވެ. މާލޭ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް މައިތަނެއްގެގޮތުގައި ބޭނުންކުރަނީ ތިލަފުއްޓެވެ. ތިލަފުއްޓަށް ކުނި ޖަމާކުރުމުގެ މަސައްކަތް މިވަގުތު ކުރަމުންދަނީ ހަމައެކަނި ކަނޑުމަގުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިތަންތަނުން ތިލަފުއްޓަށް ކުނި ގެންދާނީ ކޮންޓެއިނަރުތަކުގައި ބަންދުކޮށްގެންކަމަށެވެ. އަދި ބްރިޖާއެކު ތިލަފުއްޓަށް ކުނި ގެންދިއުމުގެ ތެރެއިން ކަނޑަށް ކުނިއެޅޭ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުނި ޓްރާންސްޕޯޓްކުރުމުގައި ބައެއް ފަހަރު ވަޔާއެކީގައި މޫދަށްވެސް އަދި ކަނޑަށްވެސް ކުނި އެބައެޅޭ. އެހެންވީމަ އެކަހަލަ ކަންކަމެއް ނުފެންނާނެދެނެއް. އަދި ހަމަ އެއާއެކީގައި ކޮންޓެއިނަރައިޒް ކުރެވިގެންދާއިރުގައި ވަސް ދުވުމާއި، މިކަހަލަ ކަންކަންވެސް ހުއްޓުމަކަށް އަންނާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، އޭޑީބީގެ އެހީގައި ތިލަފުށީގައި ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމެއްގެ ތެރެއިން ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢާއެކު ކުނި މެނޭޖްކުރުމުގެ ކަންކަން ކުރުމަށް ކުރާ ޚަރަދުވެސް ކުޑަކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ވެމްކޯއަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ. އަދި މި ސަރަހައްދުގައި ޤާއިމުކުރެވޭ އިތުރު އިންފްރާސްޓްރަކްޗަރާއެކީގައި ޚާއްސަކޮށް ބްރިޖާއެކީ ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެއްތަނުން އަނެއްތަނަށް ކުނި ގެންދިއުމަށް. އަދި މުވައްޒަފުންނަށްވެސް ދަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެ. އެއާއެކީގައި އަޅުގަނޑުމެންނަށް އެންވިޝަން ކުރެވޭ ކޯސްޓްވެސް އެފިޝެންޓް ވެގެންދާނެކަމަށް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ބްރިޖް މަޝްރޫޢާއެކު ވެމްކޯގެ ޑެއިލީ އޮޕަރޭޝަންތަކަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.

"އެމަރޖެންސީ ސިޓުއޭޝަންތަކުގައިވެސް ސަރވިސް ޑިސްޓްރަޕްޝަނެއް އަންނަ ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެންނަށް އިތުރު އޮޕްޝަނެއް ޔަޤީންކަމާއެކު އޮންނާނެ ބްރިޖު ހުޅުވިގެންދިއުމުން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންނަކީ 24 ގަޑިއިރު މަސައްކަތްކުރަންޖެހޭ ހުއްޓާނުލާ، މިއީ ރާއްޖޭގައި މީހުން ދިރިއުޅޭހާ ދުވަހަކު ދޭންޖެހޭނެ ސަރވިސްއެއް. އެސެންޝިއަލްކަމެއް. އެހެންވީމަ މިކަންކަމަށް އަބަދުވެސް ދެވަނަ ދޮރެއް ހުޅުވިފައި އޮތުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ތިލަފުށި ގޮނޑުން ދުންއެރުން ހުއްޓުވައި، އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެމްކޯއާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި އޭ.ޑީ.ބީގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން ތިލަފުށީގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.