ވޭތުވެދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން މާލެ ސަރަހައްދުން 17 ކޭސްއެއް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ، 243 ކޭސްއެވެ. އަދި މިހާތަނަށް ހިމަބިހީގެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަކީ، 16،045 ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ހިމަބިހިން ރައްކާތެރިވުމަށް ހިމަބިހީގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެނެއެވެ. ރާޢްޖެއިން މިބަލި އެއްކޮށް ނައްތާލާފައިވިނަމަވެސް، ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފެށީ، އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވީ މީހުން ދެނެގަނެ ވެކްސިން ދިނުމާއި، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހިމަބިހީގެ އަލާމަތްތަކުގެ ތެރެއިން ގައިގައި ރަތް ބިހި ނެގުމާއި، ހުމާއި ރޯގާ ޖެހި ކެއްސާ ލޯރަތްވެ ކަމެއް ދިމާވާނަމަ ވީހާވެސް އަވަހަކަށް ޞިއްޙީ އެހީތެރިކަން ހޯދަން ޖެހެއެވެ.
ހިމަބިހީގެ ނުރައްކާ ކުޑަކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ، މުހިއްމު ކަމެކެވެ. އަދި ބަލީގެ ނުރައްކާ ހުންނަ ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަ ކުރުމަކީ، މުހިއްމު ކަމެކެވެ.