ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.
17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ބިލަކީ ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކުގެ ތަފްސީލް ހިމެނޭ ބިލެކެވެ.
ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވަޞީލަތްތަކާ ގުޅުންހުރި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި، ޤާނޫނު ތަންފީޛު ކުރާ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކަށް އިސްލާހުގެނައުމަށް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އެ ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެއެވެ.
ބިލުގައި ހިމެނޭ މުހިންމުކަންކަމަށް ބަލާއިރު، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާ ނެގުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަށް އިސްތިސްނާވުން ވަނީ އިޞްލާޙުގައި ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.
ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަޤްސަދެކެވެ.
ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުންވެސް ބިލުގައި ހިމެނެއެވެ. އަދި ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ 2022ޑިސެމްބަރު 18 ގައެވެ. މި ޤާނޫނުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް، ތިމާވެށްޓާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.