ގަދަވަޔާ، ގުގުރުމާއެކު ވިއްސާރަކުރާނެތީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މުސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މިއަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މުސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓް ނެރުނު އަތޮޅުތައް ނޫން އެހެން އަތޮޅުތަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ވައި ގަދަވާނޭކަމަށް ލަފާކުރެވޭތީ، މިވިއްސާރައިގައި ޙާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުންވެސް ވަނީ މިދުވަސްވަރަކީ މުޅިރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ދުވަސްވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވާފައެވެ. އެގޮތުން މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބޮޑަށް ބަރުނުކުރެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަށްވައެވެ. އަދި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެކެވެ. މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށާއި ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.