ސިޔާސީ

އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމާއި ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެން.އެސް.ސީ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.

މެއިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއިގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލާ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ޙަމަލާދިން ގޮތް ހިމެނުމުގެ ގޮތުން އެމަނިކުފާނުގެ ޕްރޮފައިލަކާއި، ތްރެޓް ލެވަލް އޮތް މިންވަރުގެ އިތުރުން ތްރެޓް ހިސްޓްރީއާއި، އިންކުއަރީން ބެލި ކަންކަން ހިމަނާފައިވެއެވެ. ކޮމެޓީގެ ފަރާތުން މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަން ހިނގާފައިވާ ގޮތާއި، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކާއި، ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާއި، ރައީސް ނަޝީދަށް ހަމަލާދިން ދުވަހު ކަންހިނގާފައިވާ ގޮތާއި، ހަމަލާދިނުމަށްފަހު ކަންހިނގާފައިވާ ގޮތާއި، އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލައާއި ގުޅޭ 4 ކަމަކާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި، އެމައުލޫމާތު ޙިއްސާކޮށްފައިވާ ކަންކަން މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ހުށަހެޅުންތަކުގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑިއިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި، ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަހަރަކު އެއް ފަހަރު އެމީހުންގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ޤާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.