ކޯވިޑް-19

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށަނީ


ރާއްޖޭގައި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން މިމަހުގެ ތެރޭގައި ޖަހަން ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖެއަށް ފައިޒަރ ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބޭނެކަން ކަށަވަރުވެފައިވާކަމަށެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިމަހުގެ ތެރޭގައި ރާއްޖޭގައި އަލުން ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށާއި، ވެކްސިން ޖަހަން ފަށާނެ ތާރީޚު އަންނަ ހަފްތާގައި ހާމަކުރައްވާނެކަމަށެވެ. ފައިޒަރ ވެކްސިން ބޮޑަށް އަމާޒުކުރާނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށްކަމުން، ވެކްސިން ޖެހުމަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދުގައި މިކަން ކުރާނީ ސްކޫލްތައް މެދުވެރިކޮށް ދަރިވަރުން ވެކްސިން ސެންޓަރުތަކަށް ގެންގޮސްގެންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެއްކޮށް މަސައްކަތް ކުރަމުން މިދަނީ ފައިޒަރ ވެކްސިން ޖަހަން ފެށުމަށް ތައްޔާރުވުމަށްޓަކާ. އެގޮތުން ސްކޫލްތަކާ ގުޅިގެން ކުދިންގެ އަދަދުތައް ހޯދުމާއި ކުދިންގެ ތަފްޞީލުތައް ހޯދުމުގެ ކަންކަން ކުރިއަށްއެބަދޭ. މިހާރުވެސް ވަނީ ބައެއް ކަންތައްތައް ނިމިފައި. ވެކްސިން ޖެހުމުގެ ކަންކަން ސްކޫލް ކުދިންނަށް ހަމަޖެހިފައި މިވަނީ ސްކޫލް މެދުވެރިވެގެން ވެކްސިން ޖަހާ ސެންޓަރަށް ކުދިން ގެނެސްގެން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހާނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އިތުރުން އިތުރު 4 ކެޓެގަރީއެއްގެ މީހުންނަށްވެސް ފައިޒަރ ވެކްސިން ޖެހުމަށް ހުޅުވާލާނެކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އެއީ މާބަނޑު މީހުންނާއި (ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހިފަހުން މާބަނޑުވެފައި ތިބި މީހުންނާއި، މާބަނޑު މީހުންގެ ތެރެއިން އެއްވެސް ވެކްސިން ޑޯޒެއް ނުޖަހާ މީހުން ހިމެނޭހެން)، ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވާ ފަދަ ބައްޔެއް ހުރި ނުވަތަ ބޭހެއް ބޭނުން ފަރާތްތަކާއި، ރާއްޖޭން ބޭރުންނާއި ރާއްޖޭން ފައިޒަރގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ކިޔަވަންދާ ކުދިންގެ ތެރެއިން ފައިޒަރ ފިޔަވައި ރާއްޖޭގައި ޖަހާ އެހެން އެއްވެސް ވެކްސިނެއް ޤަބޫލުނުކުރާ ޤައުމަކަށް ދާ ދަރިވަރުންނަށެވެ.

ފައިޒަރ ވެކްސިން ޖެހުމުގެ ކަންކަން މާލޭ ސަރަަޙައްދުގައި ފެށުމަށްފަހު، އަތޮޅުތަކުގައިވެސް އެޗް.އީ.އޯ.ސީން ކަނޑައަޅާފައިވާ ކެޓެގަރީތަކުގެ މީހުންނަށް ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމާއެކު، މި ވެކްސިން ފުރަތަމަ ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ. ނަމަވެސް ވެކްސިން ޑޯޒްތައް ހުސްވުމާއެކު ފައިޒަރ ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައެވެ.