2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ ދައުލަތަށް ދިން ޙަމަލާތަކަށްފަހު، ޔަހޫދީން ޣައްޒާއާ ދެކޮޅަށް ފެށި ލާއިންސާނީ އަދި ރަޙުމުކުޑަ ޤަތުލުއާންމަށް ތިން އަހަރު ފުރިގެންދިޔައިރު، މުޅި ޣައްޒާ ވަނީ ވަކިކުރަން ދަތިވާ މިންވަރަށް ބިމާ ހަމަވެ، ސުންނާފަތިވެފައެވެ.
ޔަހޫދީ ދައުލަތުގެ ނިރުބަވެރި އިސްތިޢުމާރީ ބާރުތަކުން ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުންގެންދާ ލާއިންސާނީޙަމަލާތަކުގެ ސަބަބުން ބޮޑެތި އަވަށްތައް ކުޑަހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަސާސީ ޚިދުމަތްތަކާއި އުމްރާނީ ވަޞީލަތްތައް ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
މި ޖަރީމާތަކުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީގެ ދިރިއުޅުން މުޅިން ވިއްސިވިހާލިވެފައިވާއިރު، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް 74,245 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު "ޙަމަލާތައް ހުއްޓައިލުމުގެ" އެއްބަސްވުމެއް އިޢުލާނު ކުރި ނަމަވެސް، ޔަހޫދީންގެ އަނިޔާވެރި އަސްކަރީ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްދާތީ، އެ އެއްބަސްވުމުގެ ފަހުންވެސް 1,462 މީހުން ވަނީ ޝަހީދުވެފައެވެ.
އަހަރުތަކަކަށް ދެމިގެންގޮސްފައިވާ މި އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ ދިރިއުޅުމުގެ އާންމު ހުރިހާ ޙާލަތެއް ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. އދއިން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހާ ހަމައަށް ޣައްޒާގެ އާބާދީގެ 94 އިންސައްތަ މީހުން އަސާސީ ހިޔާވަހިކަމަކަށް ބޭނުންވެފައިވާއިރު، 65 އިންސައްތަ ޢާއިލާތައް ދިރިއުޅެމުންދަނީ މޫސުމީ އެކި ނުރައްކާތަކުން ރައްކާތެރިކަމެއް ނެތް ވަގުތީ ފޭލިގެތަކުގައެވެ. މީގެއިތުރުން، ސާފު ބޯފެނުގެ ދަތިކަން 91 އިންސައްތައަށް އަރާފައިވާއިރު، ކަރަންޓާއި މުއާޞަލާތީ ޚިދުމަތްތައް މުޅިން ކެނޑި، އާންމު ދިރިއުޅުން ވަނީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ ބުރަ ޖިހާދަކަށް ބަދަލުވެފައެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، ޣައްޒާގެ ވިޔަފާރިތަކުގެ 92 އިންސައްތަ ބިމާ ހަމަވެ، ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 78 އިންސައްތައަށް އުފުލިފައެވެ. 2025 ވަނަ އަހަރު ބޮލަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 212 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާއިރު، ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އަގުތައް ވަނީ 200 އިންސައްތަ އުފުލިފައެވެ. ދައުރުވާ ނަގުދު ފައިސާ ހުސްވުމުގެ ސަބަބުން ރައްޔިތުން ޑިޖިޓަލް ވޮލެޓްތަކަށް ބަރޯސާވާން މަޖުބޫރުވެފައިވާއިރު، މުޅި މުޖުތަމަޢުގެ ތަރައްޤީ ވަނީ އެތައް ދަހަރެއް ފަހަތަށް ސޮއްސާލައިފައެވެ.
ހަމައެއާއެކު، ތަޢުލީމީ އަދި ޞިއްޙީ ނިޒާމު ވަނީ މުޅިން ފުނޑުފުނޑުވެ ވަޅުޖެހިފައެވެ. އދގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ އިދާރާ، ޔުނިސެފުން ހާމަކުރާ ގޮތުގައި މަދަރުސާތަކުގެ 98 އިންސައްތަ ހަލާކުވެ، 700,000 ކުދިންނަށް ތިން އަހަރު ދުވަސް ވަންދެން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ގެއްލި، މުޅި ޖީލެއްގެ މުސްތަޤުބަލު ވަނީ އަނދިރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ޣައްޒާގެ 36 ހަސްފަތާލަކަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، މިހާރު ޚިދުމަތް ދެވެނީ ބޭހާއި ތެލުގެ ދަތިކަމުގެ ތެރޭގައި ހިންގާ އެންމެ 19 ހަސްފަތާލުންނެވެ. ކުއްލި ފަރުވާ ބޭނުންވާ އެތައް ހާސް ބަޔަކު ތިބި ނަމަވެސް، ޣައްޒާއިން ބޭރަށް ފޮނުވުނީ އެންމެ 12,400 އެއްހާ ބަލިމީހުންނެވެ.
ސަރަޙައްދީ ގޮތުން ބަލާއިރު، ޔަހޫދީން ކަނޑައަޅާފައިވާ "ރީނދޫ ރޮނގު" އިތުރަށް ފުޅާކޮށް، ޣައްޒާގެ ބިމުގެ 70 އިންސައްތަ ސަރަޙައްދު މިހާރު ވަނީ ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުގެ ދަށަށް ގެންގޮސްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވެފައިވަނީ ބިމުގެ އެންމެ 30 އިންސައްތައަށްވުރެ ކުޑަ ސަރަޙައްދެއްގައެވެ. ކުރިން މިލިއަނަކަށްވުރެ ގިނަ ރައްޔިތުން ރައްކާތެރިކަން ހޯދަމުންދިޔަ ރަފަޙްގެ ބޮޑުބައިވެސް މިހާރު އޮތީ ޔަހޫދީންގެ އަސްކަރީ ބާރުގެ ދަށުގައެވެ.
މީގެއިތުރުން، މަދަނީ އިދާރާތަކަށާއި ފުލުހުންނަށް އަމާޒުކޮށް ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ގޮތުން ބޮޑު ހުސްކަމެއް އުފެދި، އަމަންއަމާންކަން ވަނީ މުޅިން ގެއްލިފައެވެ. މަދަނީ ވެރިކަމުގެ ނިޒާމު އަލުން އިއާދަކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަދިވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ތިން އަހަރު ދުވަހުގެ ނިރުބަވެރި ޢުދުވާނަށްފަހު ޣައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުންދަނީ ސާފު މުސްތަޤުބަލެއް ފެންނަން ނެތް، އިންތިހާ ބިރުވެރިކަމާއި ނުތަނަވަސްކަމާއި ހިތްދަތިކަމެވެ.