ކޯވިޑުން އަރައިގަތުމަށް ކުރިއަށްގެންދާ ބޮޑު ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދެއްވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިލްތިމާސްކުރައްވައިފިއެވެ. ސަރުކާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ވެކްސިންޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ވެކްސިން ދީ ނިންމުމެވެ.
ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު ވެކްސިންއަށް ޝަރުތު ހަމަވާ 27 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން މިހާރު ލިބުނު ފުރުސަތުގައި ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ ވެކްސިންގެ ބޮޑު ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދެއްވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވަނީ އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ ބައެއްކަން ކަށަވަރުކުރުމަށް އެތަންތަނުގެ ވެރިންނަށްވެސް ޑީޖީ މައިމޫނާވަނީ ގޮވާލައްވާފައެވެ. އަދި ވެކްސިން ޖެހުމަށް އެފަރާތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ އެކަން ޙައްލުކޮށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ޑީޖީވަނީ ދެއްވާފައެވެ.
ޑީޖީ މައިމޫނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ކޯވިޑްގެ ކޭސްތައް މަދުވުމާއި ގުޅިގެން އޮފީސްތައް ޢާއްމުކޮށް ހުޅުވާ މަސައްކަތްތައް ފެށުމާއެކު ބަލީގެ އިތުރު ނުރައްކަލެއް ކުރިމަތިވިޔަނުދިނުމަށެވެ. އަދި މިދުވަސްވަރު ދަތުރުފަތުރުކުރުމާއި ވިޔަފާރިތައް ހިންގުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބުމާއެކު ބަލިމަޑުކަމުގެ ނުރައްކާ ކުޑަކޮށް އިޤްތިޞާދަށް އަންނަ ލޮޅުންކުޑަކުރުމަށް އެންމެން ވެކްސިން ފުރިހަމަކުރުމަކީ މުހިއްމު ކަމެއްކަމުގައި އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ވެކްސިން ކެމްޕޭނަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއެކު ގިނަ ބަޔަކު އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. ސަބަބަކީ ރާއްޖެއަކީ ވެކްސިންޖެހުމުގެ ޝަރުތު ހަމަވާ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ލިބުނު މަދު ޤައުމުތަކުގައި ހިމެނޭ ޤައުމަކަށްވެ މިބަލިމަޑުކަމުން އަރައިގަތުމަށް ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމައަށް ދެވޭނެ މަދު ޤައުމުތަކުގެ ތެރޭގައިވުމުންނެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާ އިޤްތިސާދީ ގޮތުން ޤައުމު ހިނގައިގަންނަން އުޅޭ މިދަނޑިވަޅުގައި އަދި އެތައް ދުވަހެއްވަންދެން ގޭގައި ބަންދުވެގެން ތިބުމަށްފަހު ބޭރަށް ނުކުމެ ރަށްރަށަށް ދަތުކުރުކުރުމަށް ލިބުނު މިލުއި މިގޮތުގައި ދެމެހެއްޓުމަށް ވެކްސިންއަށް ޝަރުތުހަމަވާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރަންޖެހެއެވެ.
ވެކްސިން ޖެހުމަށް ދަތިވާނަމަ ވެކްސިން ސެންޓަރުތަކުގައި ޤާއިމުކުރެވިފައިވާ އަދި ސަލްޓަންޕާކު ސަރަޙައްދުގައި ހުރި ހެލްޕް ޑެސްކްތައް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިންޖެހުމަށް އެހީތެރިވުމުގެ ކަންކަންވެސް މިހާރުވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާއި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަކީ މުހިއްމުކަމެކެވެ.