އަތޮޅުތައް

ކާށިދޫގެ އާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި


ކ. ކާށިދޫގެ އާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. ކާށިދޫއަކީ 2002 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ.ކާށިދޫ ކައުންސިލުން 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މިއަދު ފުލުހުންނާއި ހަވާލުކޮށް ހުޅުވި ޕޮލިސް ސްޓޭޝަނަކީ، އިންވެސްޓިގޭޝަން ރޫމަކާއި، އެކޮމޮޑޭޝަން ބްލޮކަކާއި، ކުށްވެރިން ބައިތިއްބާނެ ތަނެއް ހިމެނޭ ގޮތުން، އެންމެ ޒަމާނީ ވަޞީލަތްތަކާއިއެކު ޤާއިމްކޮށްފައިވާ ތަނެކެވެ.ޕޮލިސް ސްޓޭޝަން ހުއްޅުއްވައި ދެއްވުމަށްފަހު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި، ކާށިދޫއަކީ، ނިސްބަތުން ކުށް މަދު ރަށެއްކަން ފާހަގަ ކުރެއްވި. އަދި ފުލުހުންގެ މަސައްކަތް ޒަމާނާ އެއްގޮތަށް ބައްޓަންވެގެން އަންނައިރު، ފުލުހުން ވާންޖެހޭނީ، ރައްޔިތުންގެ ރުހުމާއި ލޯތްބާއިއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށާއި، ކޮންމެ ފުލުހަކީވެސް މަސައްކަތުގައި ނަޒާހަތްތެރިކަން އިސްކޮށް، ސިޔާސީ ކަންކަމުގެ ތެރެއަށްނުވަދެ، ފުލުހުންގެ ޤާނޫނާ ފުލުހުން ޢަމަލުކުރަން ހަދާފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތްކުރާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ކަމަށް ޑީސީޕީ ސައުދީ ވިދާޅުވިއެވެ. ޑީސީޕީ، ސައުދީ ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި އަބަދުވެސް އިސްކަން ދޭންވާނީ ކުށުގެ ތުހުމަތުގައި ގެނެވޭ ކޮންމެ މީހަކަށްވެސް އިންސާފުވެރިކަމާއެކު އެމައްސަލަ ތަޙުޤީޤުކޮށް ޝަރީޢަތަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް ކަަމަށެވެ. ހަމަ އެއާއެކު ކުށެއްނެތް ހަރުދަނާ ރަށްވެއްސަކު ހައްޔަރުކޮށް އެމީހެއްގެ މައްޗަށް ތަޙުޤީޤު ހިންގިގެން ނުވާނެކަމަށާއި، ކޮންމެ ރައްޔިތަކާއިވެސް މުޢާމަލާތު ކުރަންވާނީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއިއެކު ކަމުގައި ވިދާޅުވިއެވެ. "މިއަދު މިރަށުގައި ހުޅުވިގެން މިދާ ޕޮލިސް ސްޓޭޝަންގެ އައު ޢިމާރާތާއެކު އިތުރު ވަޞީލަތްތަކެއް ޤާއިމްވެ ފުރިހަމަވެގެންދާނެ. މީގެ ކުރިންނަމަ ފުލުހުންގެ ބެލުމުގެދަށަށް މީހަކު ގެނައުމަށްފަހު މިޖެހެނީ މާލެ ފޮނުވާލަން. ނޫނީ މާލެ ގެންދެވެންދެން ސްޓޭޝަން ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ބަހައްޓަން. ނަމަވެސް މިއަދު މި ހުޅުވޭ ސްޓޭޝަނާއެކު ކަސްޓޯޑިއަލް ފެސިލިޓީޒް މިރަށުގައި ޤާއިމް ކުރެވިގެންދާނެ. އެހެންވުމުން މައްސަލަތަކުގެ ތަޙުޤީޤު މަރުޙަލާ އަވަސްވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި އަވަސް ތަރުތީބެއްގެ މަތިން މައްސަލަތައް ތަޙުޤީޤުކޮށް، ޕްރޮސެކިއުޓަރުންނާ ހަމައަށް މައްސަލަ ފޮނުވުން އަވަސް ކުރެވިގެންދާނެ. މިއީ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް" ސައުދީ ވިދާޅުވިއެވެ.ދެހާސް ތިން ސަތޭކަ ވަރަކަށް މީހުންގެ އާބާދީ އޮންނަ ކާށިދޫގައި މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައިވަނީ، 77 މައްސަލަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.