ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީ އެއަރޕޯޓު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ޢަޙްމަދު ސަލީމާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީއާއި، ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދާއި، އެމް.ޓީ.ސީ.ސީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހޯރަފުށީ އެއަރޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ ދަށުން، ހޯރަފުށީގެ އެއަރޕޯޓް ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ނިންމާފައެވެ. އަދި އެއަރޕޯޓާއި އެ ރަށާއި ގުޅުވައިދޭ ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އެމް.ޓީ.ސީ.ސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިއީ ދަޢުލަތުން 90.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމުން، ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމް.ޓީ.ސީ.ސީގެ ޓީމަށް ޚާއްސަ ފަރިވަޅެއްވެސް އަރުވާފައެވެ.
ހޯރަފުށި އެއަރޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މެއިމަހު ކުރި ވިއްސާރައިގައި އެރަށަށް އުދަ އަރާ އެއަރޕޯޓަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ.
ގަދަ ވަޔާއިއެކު ޓަރމިނަލްގެ ވެއިޓިން އޭރިއާގެ ދޮރުތައް ވެއްޓި އިމާރާތައް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އުދައެރުމުގެ ސަބަބުން ރާޅާއެކު ރަންވޭގެ ބޮޑުބަޔަކަށް ވަނީ ވެލި އަރާފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހޯރަފުއްޓަށާއި އެއަރޕޯޓާ ގުޅުވައިދޭ ކޯޒްވޭއަށެވެ. އެގޮތުން ހިއްކައިގެން ހަދާފައިވާ ކޯސްވޭގެ ފަސްގަނޑު ދަމައިގަނެ، މަގުގެ އަރިމަތީގައި ޖަހާފައިވާ ލައިޓްތައްވެސްވަނީ ވެއްޓިފައެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެއަރޕޯޓް، ރަށާ ގުޅާލީ ކޯޒްވޭއަކުންނެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ އެއެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު 35މީޓަރު ފުޅާ ރަންވޭއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް ނިންމާ އެމްޓީސީސީން އެއަރޕޯޓް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 26 ގައެވެ.