ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯރޕަރޭޝަނާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެނަކައިން މިހާރު ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވަނީ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ފެނަކައިގެ ޓީމަށް ނައިބު ރައީސް ވަނީ ހިތްވަރުދެއްވާފައެވެ.
ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ފެށީ 2016 ވަނަ އަހަރުއެވެ. އަދި 2018 ވަނަ އަހަރު ބައެއް ގެތަކަށް ވަނީ ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން 2016 ވަނަ އަހަރު ފެށި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން 91 ކިލޯމީޓަރުގެ ހޮޅި ވަނީ އަޅާފައެވެ. އަދި ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމެއްވެސް ވަނީ ބަހައްޓާފައެވެ.
ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެ ސިޓީގައި 500 ޓަނުގެ ތިން ފެން ޕްލާންޓާއި، 62 ކިލޯ މީޓަރުގެ ފެންހޮޅިވެސް ވަޅުލިއެވެ.
އެހެންނަމަވެސް މިނިޒާމް ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ހުރުމުން، އެ ސިޓީގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން އަދިވެސް ބައެއް ގެތަކުން މި ނިޒާމް ބޭނުން ނުކުރާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބްރޭންޑް ނިއު ވެކިއުމް ވަލްވާއި، ވެކިއުމް ސިވަރ އަދި ސުވަރޭޖް ސިސްޓަމް މޮނިޓަރކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް އެކޯރޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. ފުވައްމުލައް ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަށް 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.