ތަރައްްޤީ

ކުޅުދުއްފުއްޓާއި ހދ. އަތޮޅުގެ ތަރައްޤީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި


ކުޅުދުއްފުއްޓާއި ހދ. އަތޮޅުގެ ތަރައްޤީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކައުންސިލްތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި، ހދ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވާ، މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެފަހުން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ސަރުކާރުން މިހާރުވެސް ޙައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ކުރީގެ މަގުތަކާއި ގުޅުވާލެވޭގޮތަށް ބަދަލުކުރުމާއި، ޑީވޯޓަރިން ހިމެނޭގޮތް އެ މަޝްރޫޢު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ސިޓީ ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އޭގެތެރޭގައި، ސިޓީ ކައުންސިލުން ވަނީ އައު ޓަރޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާބެހޭގޮތުންނާއި، މިހާރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނާއި، އެއަރޕޯޓް ސަރަޙައްދުގެ އުތުރުން އޮންނަ ބިން ބޭނުންކުރެވޭގޮތް ހެދުމާއި ބެހޭގޮތުނާއި ޒުވާނުންނާއި އިޖްތިމާޢީ ތަރައްޤީއަށް ބޭނުނވާ މުހިންމު ގިނަ ކަންތައްތަަކަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެކަމަށާއި، އަދި ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަރުކާރުން ހދ. އަތޮޅުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި އަދި، މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާ އަދި، ސްކޫލްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އަތޮޅުކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމާއި އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢޫބެހޭ ފަހުގެ މަޢުލޫމާތުތައް މި ބައްދަލުވުމުގައި ޙިއްޞާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.